ރާއްޖޭގައިތިބީ އިންޑިއާގެ ހަނގުރާމަވެރި ސިފައިންނެއްނޫން: އެމްއެންޑީއެފް

ރާއްޖޭގައި އިންޑިއާ ސަރުކާރުން އޮޕަރޭޓް ކުރަމުން ގެންދާ ދެ ހެލިކޮޕްޓަރު ބަލަހައްޓަން ތިބި އިންޑިއާ ސިފައިންނަކީ ހަނގުރާމަވެރި ސިފައިން ނޫން ކަމަށް ޗީފްއޮފް ޑިފެންސް ފޯސް މޭޖަރޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވީ ހެލިކޮޓަރު އޮޕަރޭޓް ކުރުމަށް ތިރީހަކަށް މީހުން ބޭނުންވާނެ ކަމަށެވެ. އެހެންކަމުން އެ ޢަދަދަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭނެ ކަމަށެވެ. އެމީހުންނަކީ ސިފައިންގެ ތެރޭގައި މަސައްކަތް ކުރިޔަސް ޓެކްނިކަލް ބައެއް ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

"ހަނގުރާމަވެރި، ހަތިޔާރުއެޅި ސިފައިންނެއްނޫން މިތިބެނީއެއް. ޓެކްނިކަލް މީހުން މިއުޅެނީ އިންޑީއާގެ ކޯސްޓުގާޑުގެ. ކޯސްޓްގާޑުގައިވެސް އުޅެނީ ސިފައިން. އެހެންނަމަވެސް ހަނގުރާމަވެރި ސިފައިންގެ ގޮތުގައި ޑިޕްލޯއިވެފަ ތިބި ސިފައިންނެއްނޫން މިތިބީ،" ޝަމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ ފަދަ ޤައުމަކަށް ދިމާވާ ތަފާތު ކަންކަމުގައި ބޮޑަށް ބޭނުންވަނީ މަތިންދާ ބޯޓަށް ވުރެ ހެލިކޮޕްޓަރު ކަމަށެވެ. ބަލި މީހަކު އުފުލަން ޖެހުނަސް މަތިންދާ ބޯޓު އުދުހޭ އުސްމިނަށް ބާލާއިރު ވެސް އެންމެ ރަނގަޅީ ހެލިކޮޓަރު ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ. ރާއްޖޭގެ މޫސުމާއި ދިމާވާ ކާރިސާއާއި މިހުރިހާ ކަމަކަށް ބަލާއިރު ހެލިކޮޕްޓަރަކީ ކޮންމެ ތަނަކަށް ވެސް ޖެއްސިދާނެ އެއްޗެއް ކަމަށާއި މަތިންދާ ބޯޓެއް ނަމަ އެ ޖައްސަން އެއާޕޯޓެއް ވެސް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ. މީހުން ތަމްރީން ވުމަށްފަހު ހެލިކޮޕްޓަރުގެ ހުރިހާ ކޮންޓްރޯލެއް އެމްއެންޑީއެފަށް ލިބި އޭތީ އަމިއްލަ ކުރުމުގެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ކުރިމަގުގައި އޮތް ވަރަށްބޮޑު ނުރައްކަލެއް ކަމަށް ބައެއް ސިޔާސީ ބޭފުޅުންނާއި އާޢްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.