ފުލައިއިން ސްކޫލުގެ އެއްބަސްވުމާބެހޭ މަޝްވަރާތައް ފަށައިފި

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށް ގަމުން ދީފައިވާ ބިމުގެ މުއްދަތު ޖެނުއަރީ 31 ގެ ނިޔަލަށް ވަނީ ހަމަވެފައިވެއެވެ. މުއްދަތު ހަމަވުމުން މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ކުރީގެ އެއްބަސްވުމުގެ ދަށުން އިތުރު ތިންމަސް ދެއްވައިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެ ތިންމަސް ހަމަވުމަށްފަހު ދެން ޢަމަލުކުރާނެ ގޮތަކާމެދު މިހާރުދަނީ މަޝްވަރާ ކުރަމުން ކަމަށެވެ. އިތުރުކުރި މުއްދަތު ހަމަވާނީ އެޕްރީލް 30 ވަނަ ދުވަހަށެވެ.

ފުލައިން ސްކޫލާއެކު ވެފައިވާ އެއްބަސްވުމުގެ މައްދަތު ހަމަވެ އެއްބަސްވުމުން އައުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަސް މަޝްވަރާ ކުރައްވަމުން ގެންދަވަނީ ކޮންކަންތައްތަކަށް ކަމަށް މިނިސްޓްރީން ވިދާޅެއް ނުވެއެވެ. "ހިނގަމުންދާ ކަމަކަށް ވާތީ އަޅުގަނޑުމެންނަށް އަދި އެ މަޢުލޫމާތު ޙިއްސާއެއް ނުކުރެވޭނެ،" މިނިސްޓްރީން ވިދާޅުވިއެވެ.

ފިނޭންސުން ވިދާޅުވީ ފުލައިން  ސުކޫލުގައި މިހާރު ތަމްރީން ހަދަމުންދާ ކުދިންނަށް އެއްވެސް ދެރައެއް ލިބޭނެ ގޮތަށް އެއްވެސް ކަމެއްވާކަށް ބޭނުންފުޅު ނުވާކަމަށެވެ. "އެހެންވެގެން މުއްދަތު ހަވަމުމުން ވެސް ތިން މަސް އިތުރުކޮށްދިނީ،" މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރ ވިދާޅުވިއެވެ.

ދިހަ އަހަރަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު އެއްބަސްވުން އާކުރެވިފައިނުވާތީ ފުލައިންސްކޫލުގައި މިހާރު ކިޔަވަމުންދާ ކުދިންގެ ތެރެއިން ބައެއް ކުދިން އެތަނުން ކެނޑިގެން އެހެން ތަންތަނަށް ބަދަލުވާން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މަޢުލޫމާތުވަނީ ލިބިފައެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ލިޔުމެއް އެކުދިންނަށް ފުލައިން ސްކޫލުން ނުދެއެވެ. އެ ލިޔުން އެކުދިންނަށް ދޭނީ އެތަނުން ކެނޑިގެން ދިޔުމުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލައިން ސްކޫލުގައި މިހާރުވެސް 200 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.