ޢަދާލަތު ޕާޓީއަށް އެމްޑީޕީން 6 ދާއިރާ ދޫކޮށްލަނީ

 އެޕްރީލްމަހު 6 ވަން ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ޢަދާލަތުޕާޓީއަށް 6 ދާއިރާ ދޫކޮށްލުމުގެ މަޝްވަރާ ފަށައިފިއެވެ. މި ދާއިރާތައް ދޫކޮށްލުމުގެ މަޝްވަރާތައް ފެށީ އެ ދެޕާޓީ ގުޅިގެން މަޖިލީހުގައި ވާދަ ކުރެއްވުމަށެވެ.

އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވީ ދޫކޮށްލާނެ ދާއިރާތައް އަދި ކަނޑައެއް ނާޅާ ކަމަށެވެ. މިހާރު ދަނީ އެކަމުގެ މަޝްވަރާތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ފުރިހަމަ އެއްބަސްވުމަކަށްފަހު އެދާއިރާތައް ވެސް ކަށަވަރުވެގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މި މަޝްވަރާ ފެށީ ޙައްގުވާ މިންވަރު ނުލިބުނަސް މި ސަރުކާރު ދަމަހައްޓަން ތައްޔާރަށްތިބި ކަމަށް ޢަދާލަތުޕާޓީން ބުނެފައިވަނިކޮށްނެވެ. އެމްޑީޕީއާއި ޢަދާލަތުން އިއްޔެވެސް ވަނީ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. އޭގައި ވާހަކަ ދައްކާފައިވަނީ ދެޕާޓީން ވެސް ދޫދިނުމާ ބެހޭގޮތުންނެވެ. އެ ހުށަހެޅުމާބެހޭ ގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް މިއަދުވަނީ ބާއްވައިފައެވެ.

ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް ވާދަކުރަން ސަރުކާރު ހިންގާ ކޯލިޝަނުން އެއްބަސްވެފައި ވިޔަސް އެއާމެދު ވަނީ ޚިޔާލު ތަފާތުންވުން އުފެދިފައެވެ. އެންމެފަހުން ޕާޓީތައް ވާދަކުރަމުން ގެންދަނީ ވަކިވަކިންނެވެ.

ޢަދާލަތަށް ބައެއް ދާއިރާތައް ދޫކޮށްލުމުގެ މަޝްވަރާތައް ކުރިއިރު އެމްޑީޕީން ވަނީ 86 ދާއިރާއަކަށް އެޕާޓީގެ ކެންޑިޑޭޓުންނަށް ޓިކެޓުވެސް ދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.