އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ފާއިތުވި އޮކްޓޯބަރު މަހު ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ މަރާލި މައްސަލައިގައި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނު ހައްދަވާފައި ވަނީ އިތުރުފުޅު ކަމުގައި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ތުހުމަތުކުރައްވައިފައިވެ. އަދި "ވަޙްޝީ" އެ ގަތުލާ މެދު އެމެރިކާ ހިމޭނުން އޮތުންވެސް އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ.
ތުރުކީ ސަރުކާރުގެ ޓީވީ، ޓީއާރްޓީއަށް ދެއްވި ބަސްދީގަތުމެއްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވީ އެ މައްސަލައިގައި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި އޭރުގެ ޚާރިޖީ ވަޒީރު ޢާދިލު އަލްޖުބައިރު ހައްދަވާފައި ވަނީ "މުޅިންވެސް އިތުރުފުޅު" ކަމުގައެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ ޢާދިލު ޖުބައިރު ޚާރިޖީ ވަޒީރުކަމުން ވަކިކުރަން ސައޫދީންނަށް މަޖުބޫރުވީ ޚާޝުޤްޖީގެ މައްސަލައިގައި ތުރުކީއަށް ލިބިފައިވާ މައުލޫމާތު އެނގުމުންނެވެ.
"ފުރަތަމަ އިތުރުފުޅަކީ އެ ޖަރީމާ ހިންގާފައިވާކަން އޭރު ސައޫދީ ޚާރިޖީ ވަޒީރަކަށް ހުންނެވި ޢާދިލު އަލްޖުބައިރު އިންކާރުކުރެއްވުމާއި، ތަނުގެ ބަޔަކު (ތުރުކީ ބަޔަކު) އެކަމުގައި ބައިވެރިވެފައިވާކަމަށް ވިދާޅުވުން. ދެވަނަ އިތުރުފުޅަކީ ޚާޝުޤްޖީ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓު ދޫކޮށް ގޮސްފައިވާ ކަމަށް ސައޫދީ ވަލީއަހުދު ވިދާޅުވުން." ތުރުކީގެ ރައީސު ވިދާޅުވިއެވެ.
"އެހާ ވަޙްޝީ އަމަލެއް ހިނގައި ދިޔައިރު، އަދި އަމުދުން އަމަހުރުމެން ދިން ރެކޯޑިންތައް ސީއައިއޭ މީހުން އަޑުއެހުމަށް ފަހު، އެމެރިކާ ހިމޭނުން އޮތީ ކީއްވެ ކަމެއް އަހަރެންނަށް ނުވިސްނޭ." އެ ބަސްދީގަތުމުގައި އެރްދޮޣާން ވިދާޅުވިއެވެ.
"އަހަރުމެން ބޭނުން ހުރިހާ ކަމެއް ސާފުކުރަން. އެއީ އަނިޔާވެރި އަމަލެއް ހިންގާފައިވާތީ އަދި މީހަކު މަރާލާފައި ވާތީ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ދާދި ފަހުން އިސްތަންބޫލް ސިޓީގެ މުނިސަޕަލްޓީ ބޭއްވި ބައްދަލުމުއްގައި ވާހަކަފުޅުދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ޖާވިޝް އޮގްލޫ ވިދާޅުވީ "ޚާޝުޤްޖީ މަރާލީ ކާކުކަމާ ކިހިނެއް ކަން ތުރުކީއަށް އެނގޭ" ކަމަށާއި، އެންމެންނަށް އިންސާނީ ހައްގުތަކުގެ ފިލާވަޅުދޭ ހުޅަނގުގެ ގައުމުތައް މިއަދު އުޅެނީ ޚާޝުޤްޖީ މަރާލި ޖަރީމާ ފޮރުވަންވެގެން" ކަމަށެވެ.