އޮސްޓްރޭލިޔާގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ކުއީންސްލޭންޑުގެ ޓައުންވިލްގެ މަތުތަކުން ކިނބުލާއި، ހަރުފަ ފެންނަމުން ދާކަމުގެ އިންޒާރު އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދެމުން އެބަގެންދެއެވެ. ޓައުންސްވިލް ސަރަހައްދުގައި ހަދާފައި ހުރި ޑޭމެއްގެ ފެންގަނޑު އާއްމުކޮށް ހުންނަ ވަރަށްވުރެ ދެގުނަ ބޮޑުވުމުން ޑޭމްގެ ގޭޓުތައް ވަނީ ހުޅުވައިފައެވެ. އެފެންގަނޑިު ދޫކޮށްލުމުން ރަށުގެ ކައިރީގައި އޮތް ރޮސް ކޯރު ފުރިގެން ބަންޑުންވެ ރަށުގެ މަގުތައް ވަނީ ފެނުއަޑީގައެވެ. އެހެންކަމުން ކޯރުގައި އުޅޭ ކިނބޫތައް ރަށުގެ ފެންބޮޑުވެފައިވާ ސަރަހައްދުގައި އުޅުމަކީ އެކަށީގެންވާ ކަމެކެވެ.
"ކިނބޫ މަގު ހުރަސްކޮށް ދާތަން ވެސް ފެނިދާނެ........ ދަނޑުތަކުގައި ފެން ހިފަހައްޓާފައި ހުންނަ ތަންތަނާއި، ފެން ފެންވަޅުތައް ފަދަ ހީވެސް ނުކުރާ ކަހަލަ ތަންތަނުވެސް ކިނބޫ ފެނުން އެކަށީގެންވޭ." ކުއީންސްލޭންޑުގެ ލެއާން އިނޮކް ވިދާޅުވިއެވެ.
ޓައުންސްވިލްގެ މަގު މަތިންނާއި، ބައެއް ގަސްގަހުން ކިނބޫ ފެނިގެން ވެސް މީހުން ރިޕޯޓުކޮށްފައި ވެއެވެ. އަދި ފެންގަނޑު ތެރޭގައި ހަރުފަ އުޅޭ ކަމުގެ ރިޕޯޓުތައްވެސް ލިބިފައި ވެއެވެ.
އެރަށުގައި އެހީދޭ މީހުން އަވަދި ނެތި މަސައްކަތްކުރަމުން ދާއިރު، އަދި ފެންބޮޑުވެފައިވާ ގެތައް ދޫކޮށް ދިއުމުގައި އެހީތެރިކަން ބޭނުންވެފައިވާ އެތައް ސަތޭކަ ބަޔަށް އެހީ ނުލިބި އެބަތިއްބެވެ.
ކުއީންސްލޭންޑް އުތުރުގައި ފެންބޮޑުވެ އެ ސަރަހައްދުގެ ސްކޫލްތަކާއި، ވައިގެ ބަނދަރުތައް ފެނުއަޑީގައި ވާއިރު، ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް މިހާރު ސިފައިން ވަނީ ނެރެފައެވެ. ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ސިފައިންގެ އުޅަނދުތަކުން އެ ސަރަހައްދުގެ އެކި ތަންތަނުގައި 70 ހާސް ވެލި ބަސްތާ ޖަހާފައި ވެއެވެ. އަދި ގޭގޭގެ ފުރާޅުމަތިން ހާލުގައި ޖެހިފައިވާ މީހުން ނަގާފައި ވެއެވެ.
16 ވަރަކަށް ހާސް މީހުންނަށް ކަރަންޓުގެ ޚިދުމަތް ނުލިބި ވާއިރު، ކަރަންޓުގެ ޚިދުމަތް ދެވޭނެ އިރެއް ނޭނގޭ ކަމަށް އެ ސަރަހައްދަށް ކަރަންޓުދޭ ކުންފުނި އާގޯން އެނާޖީން ވަނީ ބުނެފައެވެ.