ޗަސްބިންތައް ތަރައްޤީ ކުރެވޭނީ ކުނިއެޅުން ހުއްޓާލައިގެން: އީޕީއޭ

ރާއްޖޭގެ ރަށްރަށުގައި ހެދިފައިވާ ކުޅި، ޗަސްބިން، ފާ ފަދަ ތަންތަނުން އާމްދަނީ އެއް ލިބޭނެ ގޮތަށް ތަރައްޤީ ކުރެވޭނީ އެތަންތަނަށް ކުނި އެޅުން ހުއްޓާލައިގެން ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ރާއްޖޭގައި ވެސް ދުނިޔޭގެ ޗަސްބިމުގެ ދުވަސް ފާހަގަ ކުރަން ފެށުމާއި އަދިވެސް އެހެން މަސައްކަތްތަކުން ވަރަށްގިނަ މީހުން އެފަދަ ތަންތަނަށް ވަރަށްބޮޑަށް މިހާރު ސަމާލުކަން ދީ އަޅާލާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެފަދަ ތަންތަނަށް ސަމާލުކަމެއް ނުދޭ މަދު ބަޔަކު އުޅޭ ކަމަށް ވިދާޅުވިއެވެ.

"މަދު ބަޔަކު އެބައުޅޭ އަދިވެސް އެތަންތަނަށް އެހާބޮޑު ސަމާލުކަމެއް ނުދޭ. އެތަންތަނަށް ކުނިއެޅުން ހުއްޓާލަން އެބަޖެހޭ. އަދި އެތަންތަން ހަލާކުވެދާނެ ހުރިހާ ކަމަކުން ދުރުވާން ވެސް ޖެހޭ. އޭރުން އާމްދަނީ އެއް ލިބޭގޮތަށް އެފަދަ ތަންތަން ތަރައްޤީ ކުރަން ފުރުސަތު ލިބޭނީ،" ނަޢީމް ވިދާޅުވިއެވެ.

ނަޢީމް ވިދާޅުވީ އެފަދަ ތަންތަނާ ބެހޭ ގޮތުން ޢާއްމު ރައްޔިތުން ދެކޭގޮތް މަޑުމަޑުން ބަދަލުވަމުން އަންނަ ކަމަށެވެ. އެގޮތުން ރަށްރަށުގައި ހުންނަ ކުޅިތަކާއި ޗަސްބިން ފަދަ ތަންތަން ޙިމާޔާތް ކުރުމާއި ސާފުތާހިރު ކުރުމަށް މީހުންގެ ޝައުގުވެރިކަން މިހާރު ވަރަށް ބޮޑަށް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައެއް ރަށްރަށުގައި ހުރި އެފަދަ ތަންތަނުގައި ޕްލެޓް ފޯމް ހަދައި މީހުން އެތަންތަނަށް އައިސް ކައިވެނި ޕާޓީ ފަދަ ހަފްލާތައް ބާއްވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ހޯޑެއްދޫ، ނަޑައްލާ ފަދަ ރަށްރަށުގެ ޗަސްބިމާއި ކުޅި ފަދަ ތަންތަން ސާފުކޮށް ޕްލެޓްފޯމް ހަދައި ކުދިޕާޓީތައް ބޭއްވުން ފަދަ ކަންކަން އެބަހިނގާ. އުތުރުގެ ބައެއް ރަށްރަށުގައި ވެސް ޗަސްބިމާއި ކުޅިފަދަ ތަންތަން ހިމާޔަތް ކޮށް، ސާފުކޮށްގެން އާމްދަނީ ލިބޭނެ ފަދަގޮތެއް ވެސް ވޭތޯ ބަލާއެބަ. އެހެންވީމާ މަޑުމަޑުން ރަނގަޅުވޭ އެބަވޭ،" ނަޢީމް ވިދާޅުވިއެވެ.

ދުނިޔޭގެ ޗަސް ބިމިގެ ދުވަސް މިމަހު ދެވަނަ ދުވަހު ވަނީ އައްޑޫސިޓީގައި ފާހަގަކޮށްފައެވެ. މިދިޔަ އަހަރުވެސް އެދުވަސް އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގައި ފާހަގަ ކުރިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.