މިސްރުގެ ގާނޫނުހަދާ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހިމެނޭ ގްރޫޕަކުން އެގައުމުގެ ގާނޫނު އަސާސީއަށް ގެނައުމަށް ބޭނުންވާ އިސްލާހުތަކެއް ގާނޫނުހަދާ މަޖިލީހަށް އިއްޔެ ރަސްމީކޮށް ހުށަހަޅައިފިއެވެ.
596 މެންބަރުން ހިމެނޭ މަޖިހީލުގެ ފަސްބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ސޮއިކުރައްވާފައިވާ އިސްލާހުތައް ގާނޫނުހަދާ މަޖިލީހުގެ ރައީސު ޢަލީ ޢަބްދުލްޢާލްއަށް ހުށަހެޅުއްވީ ޢަބްދުލް ހާދީ އަލްޤަޞަބީއެވެ. އޭނާއަކީ ރައީސު ޢަބްދުލް ފައްތާޙު އައްސީސީގެ ސަރުކާރަށް ތާއީދުކުރާ 350 މެންބަރުން ހިމެނޭ ކޯލިޝަން، 'ސަޕޯޓް އިޖިޕްޓް' ގެ ރައީސެވެ.
މިސްރުގެ ގާނޫނުހަދާ މަޖިލީހުގެ ރަސްމީ ވެބްސައިޓުގައި އިއްޔެ ޝާއިއުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ކޯލިޝަނުން ވަނީ ގާނޫނު އަސާސީއަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ.
މި އިސްލާހުތަކުގެ ތެރޭގައި "އަދުގެ ހަގީގަތާއި ސަރަހައްދާއި ގައުމުގެ ހާލަތަށް ބަލާއިރު" ހަތަރު އަހަރު ކުރުކަމަށް ފެންނާތީ ރިޔާސީ ދައުރުގެ މުއްދަތު ހަ އަހަރަށް އިތުރުކުރުމާއި، ދިފާއީ ވަޒީރު އައްޔަންކުރާ ގޮތް އަލުން މުރާޖައާކުރުމާއި، ގާނޫނު ހަދާ މަޖިލީހުގެ މަތިގެއެއް ނުވަތަ ސެނެޓެއް އުފެއްދުމާއި، ރައީސުލް ޖުމްހޫރިއްޔާގެ ނާއިބުގެ މަމާގު އުފެއްދުމާއި، އަންހެނުންނާއި، ނަސާރާއިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގާނޫނުހަދާ މަޖިލީހުން އިތުރު ފުރުސަތު ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.
މިސްރުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތަކަކުން ދެކޭ ގޮތުގައި ގިނަ އިސްލާހުތަކެއް ހުށަހެޅި ނަމަވެސް، ކޯލިޝަންގެ ހަގީގީ މަގްސަދަކީ މިހާރުގެ ރައީސު އައްސީސީއަށް ގިނަދުވަހު ވެރިކަމުގައި ހުންނެވޭނޭ ގޮތް ހެދުމެވެ.
މި އިސްލާހުތައް ހުށަހެޅުމާ ގުޅިގެން، ކުރީގެ ރިޔާސީ ކެންޑިޑޭޓް އަދި ބައިނަލް އަގްވާމީ ނިއުކުލިޔާ ހަކަތައާ ބެހޭ ޖަމްއިއްޔާގެ ކުރީގެ ވެރިޔާ މުޙައްމުދު އަލްބަރާދައީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމަކީ "25 ޖަނަވަރީގެ އިންގިލާބުގެ ކުރީގެ ދުވަސްވަރަށް އެނބުރި ދިއުން" ކަމުގައެވެ. އަދި އެއީ "މިސްރުގެ ރައްޔިތުންނަށް އިހާނެތިކޮށް ހިތުން" ކަމުގައެވެ.
ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ފަހަތުގައި ހުންނެވީ ރައީސު ޢަބްދުލް ފައްތާޙު އައްސީސީ ކަމުގައި ގަބޫލުކުރެވޭއިރު، ރިޔާސުގެ ސަލާމަތީ ކަންކަމުގައި އުޅޭ ސިއްރު ފުލުހުންގެ ފަރާތުން، މިސްރުގެ ނޫސްތަކަށާއި ޓީވީ އަދި ރޭޑިޔޯ ސްޓޭޝަންތަކަށް ގާނޫނު އަސާސީއަށް ގެންނަން އުޅޭ އިސްލާހުތަކުގެ ވާހަކަ ނުދެއްކުމަށް އިން×ޒާރުދީފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.