ރޯމަން ކެތޮލިކް ނަސާރާއިންގެ އެންމެ އިސް ފާދިރީ އަދި ވެޓިކަންގެ ވެރިޔާ ޕޯޕް ފްރާންސިސް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފިއެވެ. އަބޫދާބީގެ ވަލީއަހުދު ޝޭޚް މުޙައްމަދު ބިން ޒާޔިދު އަލްނަހްޔާންގެ ދައުވަތަކަށް ކުރައްވާ މިދަތުރުފުޅަކީ ޕޯޕަކު އަރަބިކަރައަށް (އެރޭބިއަން ޕެނިންސިއުލާއަށް) ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ އެއާޕޯޓަށް ޕޯޕް ފްރާންސިސް ފައިބައިވަޑައިގެންނެވިއިރު އޭނާގެ އިސްތިގުބާލުގައި ވަލީއަހުދު މުޙައްމަދު ބިން ޒާޔިދު އާލްނަހްޔާންއާއި، އަލްއަޒްހަރު ޔުނިވަސިޓީގެ ޝޭޚް އަދި މުސްލިމް ކައުންސިލް އޮފް އެލްޑާސްގެ ރައީސު ޑޮކްޓަރ އަޙްމަދު އައްޠައްޔިއްބު ތިއްބެވިއެވެ.
ދެ ދުވަހަށް ދެމިގެންދާ މިދަތުރުފުޅުގައި ދީންތަކުގެ ގުޅުމާ ބެހޭގޮތުން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންވާނެއެވެ. މި ބައްދަލުވުމުވައި އަލްއަޒްރުގެ ޝޭޚުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އިތުރުން 1 ލައްކަ 35 ހާހެއްހާ ނަޞާރާއިންނާއި އަބޫދާބީގެ ޒާޔިދް ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ބައްދަލުކުރައްވާނެއެވެ. މިއީ އަބޫދާބީގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެއްވުން ކަމުގައި ޔޫއޭއީގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.
ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން ވާހަކަފުޅުދައްކަވަމުން ޕޯޕް ފްރާންސިސް ވަނީ ޔަމަނުގައި ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވައިލައްވާފައެވެ. ޔަމަނުގެ ސަރުކާރާއި، ޝީއާ މަޒުހަބަށް ނިސްބަތްވާ ޙޫޘީންނާ ދެމެދު ހިނގާ އެ ހަނގުރާމައިގައި ޔޫއޭއީ ދަނީ ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމައިގައި ބައިވެރިވަމުންނެވެ.
"ހަނގުރާމަ ދިގުލައިގެން ގޮސް (ޔަމަނުގެ) ރައްޔިތުން ވަނީ ވަރުބަލިވެފަ. ގިނަ އަދަދެއްގެ ކުދިން ދަނީ ބަނޑުހައިހޫނުކަން ތަހައްމަލްކުރަމުން. އެކުދިންނަށް ކާބޯތަކެއްޗާ ހަމައަށް ނުދެވޭ. އެ ކުދިންނާއި، އެކުދިންގެ މައިންބަފައިންގެ އަޑު ކަލާނގެއާ ހަމައަށް ދާނެ." ޕޯޕް ވިދާޅުވެފައި ވެއެވެ.
ގައުމުގެ އަސްލު އާބާދީއަށްވުރެ ހިޖުރަކޮށްގެން ވަޒަންވެރިވެފައިވާ މީހުން ގިނަ ޔޫއޭއީގައި މިލިއަނެއްހާ ނަސާރާއިން ދިރިއުޅެއެވެ. މައިގަނޑު ގޮތެއްގައި ފިލިޕީންސާއި އިންޑިޔާގެ މީހުންއެކުލެވޭ ނަސާރާ އާބާދީއަކީ ޔޫއޭއީގެ އާބާދީގެ %13 އެވެ. އެމީހުންގެ ތެރެއިން 135000 މީހުންވަނީ ސްޓޭޑިއަމަށް ވަންނަން ޓިކެޓް ނަގާފައެވެ.
ޔޫއޭއީގައި ނަސާރާއިންގެ 8 ފައްޅި ހުރެއެވެ.