އައްޑޫސިޓީގެ މުޅި އާބާދީއަށް ޚިދުމަތް ދެއްވަން ބޭނުން ޢަދަށްވުރެ އައްޑޫސިޓީގައި ޙަރަކާތްތެރިވާ ފުލުހުންގެ ޢަދަދާއި ވަސީލަތްތައް މަދު ކަމަށް އައްޑޫސިޓީ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވެއްޖެއެވެ.
އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ޙަމީދު (އެމްސީ) އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އައްޑުސިޓީ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މިބައްދަލުވުމުގައި ސޯބެ ވިދާޅުވީ އެއީ ޙައްލެއް ހޯއްދަވައި ދެއްވަންޖެހޭ ކަންކަން ކަމަށެވެ.
ސޯބެ ވިދާޅުވީ ޓޫރިސްޓް ޕޮލިސްގެ ޚިދުމަތާއި ޓްރެފިކް ޕޮލިސްގެ ޚިދުމަތް އައްޑޫސިޓީއަށް ވަރަށް މުހިންމު ކަމަށެވެ. ޓޫރިސްޓް ޕޮލިސްގެ ޚިދުމަތް މީގެ ކުރިން އައްޑުއަށް ތަޢާރަފްތަޢާރަފް ކޮށްފައިނުވިޔަސް ޓްރެފިކު ޕޮލިހުންގެ ޚިދުމަތް ދެފަހަރެއްގެ މަތިން ދޭން ފެށިއެވެ. އެހެންނަމަވެސް ޓްރެފިކް ޕޮލިސް ވެސް މިހާރުވަނީ އުވާލައިފައެވެ. އުވާލަންޖެހުނީ ވެސް ފުލުހުން މަދުކަމުންނެވެ.
ޙަމީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް އައްޑޫސިޓީގައި ފުޅާކޮށް އޮންނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ އިތުބާރާއި ގުޅުން ރަނގަޅުކޮށް ރައްޔިތުންގެ މެދުގައި އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު ގެންދަވަނީ އެކަމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުއްވުމަށް މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް ޙަމީދު ވިދާޅުވިއެވެ.
ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އޭގެ މަސައްކަތް ނިމި އިފްތިތާޙު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ މިދަތުރުފުޅުގައި އިއްޔެ ވަނީ ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފައެވެ. މިއަދު ހެނދުނު ވަނީ އައްޑޫ ސިޓީ ހުޅުދޫމީދޫ ޕޮލިސް ސްޓޭޝަނަށްވެސް ޒިޔާރަތް ކުރައްވައިފައެވެ.