އިންޑީއާސަރުކާރުން އައްޑޫސިޓީގައި ޢިމާރާތް ކުރަމުންދާ އައު ޕޮލިސް ޓްރެއިނިން ސްކޫލަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އައްޑޫސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫސީޓީ ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެތަނާ ބެހޭގޮތުން ޢާއްމުންގެ ހުރިކަންބޮޑުވުމްތައް އައްޑޫގެ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު ހުށަހެޅުއްވުމުން އެކަމާބެހޭ ގޮތުން ދެއްކެވި ވާހަކައިގައެވެ.
މި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އައްޑޫގެ ބިމުން ވަރަށް ބޮޑު ސަރަހައްދެއް ޓްރެއިނިންގ ސްކޫލަށް ނެގުމާއި އިންޑިއާގެ ނުފޫޒު އެތަނަށް އޮތް ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރައްވާ ކަމަށެވެ.
މޭޔަރުގެ ވާހަކަތަކާ ގުޅިގެން ޙަމީދު ވިދާޅުވީ ޓްރެއިންނިގ ސްކޫލަކީ ޖާގައޮތް ބޮޑު ސަރަޙައްދެއް ކަމަށެވެ. އެހެން ކަމުން ހަމައެކަނި ޕޮލިސް ޓްރެއިނިންތަކަށް އެތަން ބޭނުން ކުރުމުގެ ބަދަލުގައި ކަސްޓަމްސްއާއި، އިމިގްރޭޝަން ފަދަ ލޯ އެންފޯސްމަންޓް ކޮމިއުނިޓީއަށް ތަމްރީނުތައް ހިންގާ ތަނަކަށް އެތަން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާފައިވާނެ ކަމަށެވެ. އޭގެ އިތުރަށް ޓާޝަރީ އެޑިއުކޭޝަނަށްވެސް އެތަން ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެތަނަށް އިންޑިއާގެ ނުފޫޒު އޮތްކަމަށް ދައްކަމުންދާ ވާހަކަތަކީ އެއްވެސް ޙަޤީޤތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.