ލަންކާގައި ދިރިއުޅޭ ދިވެހިންގެ އުޅުން ދެޤައުމުގެ ގުޅުން ބަދަހިވާ ގޮތަށް ބަހައްޓައިދެއްވާ: ރައީސް

އަވަށްޓެރި ސްރީލަންކާއި ދިރިއުޅޭ ދިވެހީންގެ އުޅުންތަކާއި ގުޅުންތައް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ފަދަގޮތަކަށް ބަހައްޓައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ޞާލިޙު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ރަސްމީ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުން ކަމަށެވެ. "އެހެންކަމުން ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންގެ އުޅުއްވުމާއި ގުޅުންތައްވެސް ބަހައްޓަވަން ވާނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާފަދަ ގޮތަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުގެ ސައިޓުގައި ވިދާޅުވެފައިވެއެވެ.  އަދި ދިވެހީންގެ ރީތި އަޚްލާޤީ ސިފަތައް ދެމެހެއްޓެވުމަށް މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ރައީސް އިބްރާހީމް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ވެސް ބާއްވާނެއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.