ލަންކާގައި ދިއުޅޭ ދިވެހިންނަށް އެޕްރީލްމަހު އާސަންދަ ލިބެންފާށާނެ: ރައީސް

ރައީސް އިބްރާހީމް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އަންނަ އެޕްރީލް މަހުގެ ތެރޭގައި ލިބެންފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަވަށްޓެރި އެހެން ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހީންނަށްވެސް، އާސަންދައިގެ ޚިދުމަތް ހަމަޖެއްސުމަށް، އެޤައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި މީގެ ކުރިން ސްރީލަންކާއަށް ވަޑައިގެންނެވި ފަހަރު، އެޤައުމުގައި ދިރިއުޅުއްވާ ދިވެހިރައްޔިތުން ސްޓޫޑެންޓް ލޯނާ ގުޅިގެން އެދިވަޑައިގެންނެވި ފަދައިން، އެކަމުގައި އުފުލަންޖެހޭ ބުރަ ލުއިކޮށްދެއްވާފައި ވާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރައްޖެއާއި ސްރީލަންކާގެ ޒަމާންވީ ގުޅުމާބެހޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ވިދާޅުވީ ސްރީލަންކާއަކީ، ރާއްޖޭގައި ޑިމޮކްރެސީގެ ރޫޙު ދިރުވައި އާލާކުރުމުގައި ވަރަށް މުހިންމު ޙިއްޞާދާރެއްކަމަށެވެ. މާޒީގައިވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް އެކުވެރި އެއްބަނޑުއެއްބަފާ ގުޅުމެއް ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި، ދިވެހީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ސްރީލަންކާއިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލުކުރާނެ ރަސްމީ އޮފީހެއް، އެންމެ ފުރަތަމަ ހުޅުވި ޤައުމަކީވެސް ސްރީލަންކާގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޒަމާނީ ތަޢުލީމު ފެތުރުމުގައި، ވަކިން ޚާއްޞަކޮށް، އިނގިރޭސި މީޑިއަމަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރުމުގައްޔާއި، ޞިއްޙީ ޚިދުމަތުގެ ރޮނގުންނާއި، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގައިވެސް ސްރީލަންކާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައި ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި އޮތް ޚުދުމުޚުތާރު އަނިޔާވެރިކަމާ ދެކޮޅަށް، ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވެދިނީ، އަގުނުކުރެވޭހާ ބޮޑު އެހީތެރިކަމެއްކަމުގައި ވެސް ވިދާޅުވިއެވެ. އެކަމަށްޓަކައި ސްރީލަންކާގެ ސަރުކާރަށާއި، ސްރީލަންކާގެ ސިޔާސީ ލީޑަރުންނަށާއި، އަދި ޢާންމު ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.