ތޭރަ މީހުންނާއެކު މަހަށް ފުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ހއ.ފިއްލަދޫއިން 13 މީހުންނާއެކު މަހަށް ފުރި "ޔުނިޓީ" ނަމަކަށް ކިޔާ ދޯޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެދޯނި މަހަށްފުރައިފައިވަނީ ޖަނަވަރީ 25 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. "މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 14:10 ހާއިރުއެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ޖެނުއަރީ 29 ވަނަ ދުވަހު ހއ.ކެލަޔާއި ދިމާއިން ބޭރުގައި އެ ދޯނި މަސްވެރިކަން ކުރުމުގައި އުޅުނުކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެއީ ދިގުމިނުގައި 30 މީޓަރު ހުންނަ ބޭރުގައި، ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބަލައި ދިނުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ. ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.