އެންއެސްޖީގައި ބައިވެރިވާން ބޭނުންނަމަ އިންޑިޔާ ޖެހޭނީ އެންޕީޓީގައި ސޮއިކުރަން: ޗައިނާ

ނިއުކުލިޔާ ސަޕްލަޔާސް ގްރޫޕް (އެންއެސްޖީ)ގެ މެންބަރު ގައުމުތައް ދައްކައިދޭ ޗާޓެއް

ނިއުކުލިޔާ ހަތިޔާރު ސަޕްލައިކުރާ ގައުމުތަކުގެ ޖަމާއަތް، ނިއުކުލިޔާ ސަޕްލަޔާސް ގްރޫޕް (އެންއެސްޖީ) ގައި އިންޑިޔާ ބައިވެރިވާން ބޭނުންނަމަ އެގައުމު ޖެހޭނީ ނިއުކުލިޔާ ހަތިޔާރު ފެތުރުން ހުއްޓުވާ މުއާހަދާ، ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގައި ސޮއިކުރަން ކަމުގައި ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން އިއްޔެ ބުނީ، 48 މެންބަރު ގައުމު ހިމެނޭ އެންޕީޓީގައި ސޮއިނުކުރާ ގައުމެއް މިހާތަނަށް އެންއެސްޖީގައި ބައިވެރިކޮށްފައި ނުވާއިރު، އިންޑިޔާ އެ ޖަމާއަތުގައި ބައިވެރިކުރުމުގެ ކުރިން "ކެތްތެރިކަމާއެކު ވާހަކަދައްކަން ޖެހޭ ކަމަށެވެ. އިންޑިޔާ އެންޕިޓީގައި ސޮއިކޮށްފައި ނުވިޔަސް، އިންޑިޔާއިން ނިއުކުލިޔާ ހަތިޔާރު ފެތުރޭފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާތީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން ހަތަރު ގައުމު ކަމުގައިވާ އެމެރިކާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި ފްރާންސުން އިންޑިޔާ އެންޕީޓީގައި ބައިވެރިކުރުމަށް އެއްބަސްވެފައި ވިޔަސް، ފަސްވަނަ ގައުމު ޗައިނާ ގެންދަނީ އެކަމާ ދެކޮޅުހަދަމުންނެވެ.

ނިއުކުލިޔާ ހަތިޔާރު ނައްތާލުމާއި، އެ ހަތިޔާރު ފެތުރުނަ ނުދިނުމާއި، ނިއުކުލިޔާ ހަކަތަ ސުލްވެރި ބޭނުންތަކަށް ބޭނުންކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ޗައިނާގެ ބެއިޖިންގްގައި ބޭއްވި ދެ ދުވަހުގެ ބައްދަލުވުމާ ބެހޭ އިއްޔެ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވި ގޮތުގައި ބައްދަލުވުގެ ބައިވެރިން ވަނީ ދުނިޔޭގެ ސުލްހައާއި ސަލާމަތަށްޓަކައި އެގައުމުތަކުގެ މަސްއޫލިއްޔަ އަދާކުރަން ކުރަންޖެހޭ މުހިއްމު ކަންތަކެއްގެ މައްޗަށް އެއްބަސްވެފައެވެ.

"އެންޕީޓީގެ އުސޫލުތައް އަހަރުމެން ހިފަހައްޓާނަން. ދުނިޔޭގައި ނިއުކުލިޔާ ހަތިޔާރު ފެތުރުން ހުއްޓުވުމާއި، ދުނިޔޭގެ ސަލާމަތަށްޓަކައި އެންޕީޓީގެ އުސޫލުތަކުގެ މުހިއްމުކަން އަހަރުމެން ފާހަގަކުރަން." "ނިއުކުލިޔާ ހަތިޔާރުން ސަލާމަތްވެފައިވާ ދުނިޔެއެއް ހޯދައިދިނުމަށްޓަކައި، ފުރިހަމައަށް ހުރިހާ އުސޫލުތަކެއް ހިމެނޭހެން އެންޕީޓީ ތަންފީޒުކުރުމަށް އަހަރުމެން ވަނީ ވައުދުވެފައި."

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ފަސް ގައުމާއި، ޔޫރަޕްގެ ގައުމުތަކާއި، ބްރެޒީލާއި، އޮސްޓްރޭލިޔާއާއި، ނިއުޒީލޭންޑާއި، ދެކުނު ކޮރެޔާއާއި، ޖަޕާނާއި، ކަޒަކިސްތާނާއި، ދެކުނު އެފްރިކާ ފަދަ ގައުމުތައް ހިމެނޭ އެންއެސްޖީގައި ބައިވެރިވުމަށް އިންޑިޔާއާއު ޕާކިސްތާނުން ވަނީ އެދިފައެވެ. އެހެންކަމުން، އިންޑިޔާއާއި، ޕާކިސްތާނަކީވެސް އެންޕީޓީގައި ސޮއިނުކުރާ ދެގައުމަށް ވާތީ، ޕާކިސްތާނުގެ ރަހްމެތްތެރި ގައުމެއް ކަމުގައިވާ ޗައިނާއިން ދަނީ، އިންޑިޔާއަށް އިސްކަންދީ އެގައުމު އެންއެސްޖީގައި ބައިވެރިކުރުމަށް ދެކޮޅުހަދަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.