މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ވެސް ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ ޢަދަދަކަށް ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އައު ސިޔާސީ ޕާޓީއެއް އުފެއްދަވާކަން އިޢުލާން ކުރެއްވުމަށް ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނީ ކިތައް ގޮނޑިއަށް ކަމެއް އަދި ނުނިންމަވާ ކަމަށެވެ. އެހެންނަމަވެސް މަޖިލިސް އިންތިޚާބުގައި އެމްއާރުއެމްގެ ނަމުގައި ވާދަކުރަން ޝައުގުވެރިކަން ހުރި ބޭފުޅުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 108 މީހުން ކުރިމަތިލެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ.
އެމްއާރުއެމް އަށް ވެސް ބޭނުން ޢަދަދަކަށް ކުރިމަތި ލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވީ ކޯލިޝަން އެއްބަސްވުމާ ޚިލާފަށް ބައެއް ޕާޓީތަކުން މަޖިލީހުގެ ގޮނޑިތަކަށް ވާދަ ކުރައްވަން ނިންމެވުމުންނެވެ. އެމަނިކުފާނު ވދާޅުވީ އެއްބަސްވުމުގައި ބުނެފައިވަނީ އެމްޑީޕިއަށް 35 ޖޭޕީއަށް 22 އެމަނިކުފާނަށް 17 ޢަދާލަތު ޕާޓިއަށް 13 ގޮނޑި ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން ވަނީ 86 ދާއިރާއަކަށް ކުރިމަތިލައްވަން ނިންމަވައިފައެވެ. ޖުމްހޫރީ ޕާޓީން 36 ގޮނޑި އަށް ވާދަކުރަން ވަނީ ނިންމައިފައެވެ. އެހެންކަމުން އެމްއާރުއެމަށް ވެސް ބޭނުން ޢަދަދަކަށް ކުރިމަތިލުމުގެ އިޚިތިޔާރު އެބައޮތް ކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ އެމްއާރުއެމުން މަޖިލީހަށް ކުރިމަތިލާނެ ގޮނޑިތަކުގެ ޢަދަދު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. އެކަމަށް ގޮތެއް ނިންމަވާނީ ލީޑަރުންނާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބާއްވާ ބައްދަލުކުރެއްވުމަށްފަހު ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް ކޯލިޝަންގެ އެއްބަސްވުމެއް ނެތް ކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް އެފަދަ އެއްބަސްވުމެއް އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ޖަލުގައި އެދުވަސްވަރު ހުންނަވަން ޖެހިވަޑައިގެންނެވުމުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގައިވާ އުސޫލަށް އެމަނިކުފާނު ވެސް ތާއިދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެމަނިކުފާނު ކުރިން ވެސް ވާނީ މަސައްކަތް ކުރައްވައިފައި ކަމަށާއި އަދިވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ޕާޓީތަކުން މަޖިލިހަށް ވާދަކުރާނެ ގޮނޑިތަކުގެ ނިސްބަތާ މެދު ޚިޔާލު ތަފާތުވުމުން އެކަން ޙައްލު ކުރެއްވުމަށް ވެސް އެކި ބޭފުޅުންނަށް ގުޅުއްވައިގެން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.