ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫން އަލަށް އުފައްދަވާ ސިޔާސީ ޕާޓީން ބޭނުން ވަނީ ކޯލިޝަނުގައި މިހާރު ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއެކު ނުކުންނަން ކަމަށާއި މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަން ހައްދަވާނެ އިތުރު ޕާޓީއެއް ނޯންނާނެ ކަމަށް ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ އަލަށް އުފައްދަވާ ސިޔާސީ ޕާޓީން ކެންޑިޑޭޓުން ނެރުއްވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ޕާޓީން ކުރިމަތިލާނެ ދާއިރާ ތަކާއި ކެންޑިޑޭޓުން ނިންމާނީ އެކަމަށް އުފައްދަވާފައި އޮތް ކޮމިޓީއަކުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށް އުފެއްދި ކޯލިޝަން ސަރުކާރުގައި ހިމެނޭ އަނެއް ތިން ޕާޓީގެ ލީޑަރުން މަޖިލިސް އިންތިޚާބަށްވެސް އެއްބަސްވުމެއް ހެއްދެވި ކަމަށާއި ނަމަވެސް އެމަނިކުފާނު އެދުވަސްވަރު ޖަލުގައި ހުންނަވަން ޖެހުމުން އެ އެއްބަސްވުމުގައި ސޮއި ނުކުރައްވާ ކަމަށެވެ. ޖަލުގައި ހުންނެވުމުގެ ސަބަބުން އެއްބަސްވުމުގައި ސޮއި ނުކުރެއްވުނު ނަމަވެސް އެ އުސޫލަށް އެމަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަނެއް ތިން ލީޑަރުން މަޖިލިސް އިންތިޚާބަށް އެއްބަސްވުމެއް ހައްދަވައި ސޮއި ކުރެއްވި އެއްބަސްވުމަކީ "އެއްބަސްވުމެއް" ކަމަށާއި ނަމަވެސް އެއީ މިހާރު އެއްބަސްވުމަކަށް ނުވި ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތުން މުހިންމު ކަމަށެވެ. ނަމަވެސް ކޯލިޝަނުގައި ނުހިމެނޭ ޕާޓީއަކާއެކު އެމަނިކުފާނު ކޯލިޝަން ނުހައްދަވާނެ ކަމަށް ވިދާޅުވިއެވެ.