ރައީސް މައުމޫން ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އަނެއްކާވެސް ސިޔާސީ ޕާޓީއެއް އުފެއްދަވަން ނިންމަވައިފިއެވެ.

ރައީސް މައުމޫން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިކަން އެމަނިކުފާނު މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާން ކުރެއްވީ އެމަނިކުފާނު އިސްވެ ހުންނަވައި އެންމެ ފަހުން އުފެއްދެވި ޕީޕީއެމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި ނިންމުމުގެ ސަބަބުން ޕީޕީއެމް ލިބިވަޑައިގެންފާނެ ކަމުގެ އިންތިޒާރުގައި އިތުރަށް ނުހުންނަވަން ވެގެންކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އަދިވެސް އެއްމައްސަލަ އެބައޮތެވެ. ނަމަވެސް އެކަމަށް ގޮތެއް ނިމޭނީ ކޮންއިރަކުކަން އެނގިވަޑައިނުގަންނަވާތީ އިތުރު ސިޔާސީ ޕާޓީއެއް ނުއުފައްދަވައި ހުންނަވައިގެން "މާފަތަށް ހިނގައިދާނެތީ" ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީއެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީއެއް އުފެއްދެވި ނަމަވެސް ކިޔާނެ ނަމަކާމެދު އަދި ވަކިގޮތެއް ނުނިންމެއެވެ. އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނުގެ ޕާޓީން ވާދަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ އަލަށް އުފައްދަވާ ޕާޓީގެ މަގާމަކަށް އެމަނިކުފާނު އައްޔަން ކުރަން ޕާޓީގެ ކައުންސިލަށް ފެނިއްޖެނަމަ އެކަމަށް ނޫނެކޭ ވިދާޅުނުވާނެ ކަމަށެވެ.

ރައީސް މައުމޫން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިފެއްޓެވީ ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު އެޕާޓީ އެމަނިކުފާނަށް ލިބިވަޑައިނުގެންފާނެ ކަމުގެ ބިރު އޮތުމާއެކު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ޕާޓީއެއް އުފެއްދަވައި ކެންޑީޑޭޓުން ނެރުއްވުމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.