ކޮމަންވެލްތުގެ ވަފުދު ޤާސިމް އިބްރާހީމާ ބައްދަލު ކުރައްވައިފި

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ވަފުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވީ މަޖިލީސް ކުރާ ގޭގައި މިއަދު މެންދުރުއެވެ. މި ވަފުދު ރާއްޖެއަށް ވަޑައިގެންނެވީ ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ދިނުމާއި ގުޅޭގޮތުން، ބަލަންޖެހޭ ކަންކަން ބެއްލެވުމަށެވެ.

މި ބައްދަލުވުމުގައި މަޖިލިސްގެ ރައީސް ޤާސިމް ވިދާޅުވީ ރައްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ކުރަމުންދާ މަސައްކަތަށް އެމަނިކުފާ ތާއިދު ކުރައްވައި އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރާއްޖެއަށް ފައިދާކުރާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 53 މެންބަރު ޤައުމު ހިމެނޭ ކޮމަންވެލްތުން ރާއްޖެއަށް ވެދެއްވާފައިވާ ބޮޑެތި އެހީތަކާއި އެއްބާރުލެއްވުމާ ބެހޭ ގޮތުން ޤާސިމް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ކޮމަނަވެލްތުގެ އެހީތެރިކަން އަދިވެސް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

ކޮމަންވެލްތު ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި އެޑްވައިޒަރ އަދި ކޮމަނެވެލްތު ސެކްރެޓޭރިއެޓްގެ އޭޝިއާ/ޔޫރަޕް/ކެރީބިއަން/ޕެސިފިކް ސަރަޙައްދުތަކާއިބެހޭ ވެރިޔާ މިސްޓަރ އަލްބަރޓް މެރީނާ ދެއްކެވި ވާހަކަފުޅުގައި، ރައްޖެއަށް ކުރައްވާ ދަތުރުގައި ވަފުދުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މި ވަފުދުންވަނީ އިލެކްޝަންސް ކޮމިޝަނާ ވެސް ބައްދަލު ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.