ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ޞައްޙަ: ސްޕްރީމްކޯޓު

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކުއްލި ކޮންގްރެސް ޞައްޙަ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އެކޯޓުން މިގޮތަށް ނިންމެވީ އެ ކޮންގްރެސްގައި ނިންމެވި ނިންމުންތައް ބަލައި ނުގަނަވޭ ކަމަށް ވިދާޅުވީ އިލެކްޝަނުން ހުށަހަޅުއްވި އިސްތިއުނާފުގެ މައްސަލަ ނިންމަވައި ކުރެއްވި ޙުކުމުގައެވެ.

އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވީ ކޮންގްރެސް ރަނގަޅު ކަމަށް ހައިކޯޓުން ނިންމެވުމުންނެވެ. އެ ކޮންގްރެސްގައި ވަނީ ޕީޕީއެމްގެ ރައީސްކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިންތިޚާބު ކުރައްވައިފައެވެ. އަދި 4 ނާއިބުންނާއި އެހެން ވެސް އިތުރު މަޤާމްތަކަށް ބޭފުޅުން އިންތިޚާބު ކުރައްވައިފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕީޕީއެމުން ބޭއްވި ޚާއްސަ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ކޮންގްރެސް ބޭއްވީ ފުރިހަމަ ކުރަންޖެހޭ އެތައް ކަމެއް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވެއެވެ.

ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް އިލެކްޝަނުން ޤަބޫލު ކުރެއްވީ ހައި ކޯޓުން އެކަމަށް ޙުކުމް ކުރެއްވުމުންނެވެ. އެހެންނަމަވެސް އިލެކްޝަނުން އެމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ސްޕްރީމް ކޯޓުންވެސް މިއަދު ނިންމަވައިފައިވަނީ އެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުން ޞައްޙަ ނޫން ކަމަށެވެ.

މި މައްސަލާގައި އެކަށީގެން ހެކި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައި ނުވާ ކަމަށް ވެސް ނިންމަވާފައިވެއެވެ.

ސްޕްރީމް ކޯޓުން މިނިންމުން ނިންމަވައިފައިވަނީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.