ޢަބްދުﷲ ރިޔާޒަކީ އަޅުގަނޑަށްހުރި "ޗެލެންޖެއް" ނޫން: މުސްތަފާ

މިއަހަރު އެޕްރީލްމަހު 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާއަށް ޢަބްދުﷲ ރިޔާޒު ވާދަ ކުރެއްވުމަކީ ޗެލެންޖެއް ނޫން ކަމަށް އެދާއިރާގެ މިހާރުގެ މެމްބަރު އަދި މިފަހަރުވެސް އެދާއިރާއަށް ވާދަ ކުރައްވާ މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑަށް ޢަބްދުﷲ ރިޔާޒު ނުފެނޭ ޝަރީފް (އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް) އަށްވުރެ ބޮޑު ޗެލެންޖެއްގެ ގޮތުގައި. ޝަރީފް ކުރިމަތި ލެއްވި އިރު ސަރުކާރުގެ ބެކިންއާއި ހުރިހާ އެއްޗެއް ލިބުނު. ސަރުކާރުގެ ހުރިހާ ބަރަކާއި ނުފޫޒަކާއި ފައިސާއާ ހުރިހާ އެއްޗެއް ވަރަށް އޯޕަންކޮށް ބޭނުންކުރި،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އޭނާއާއި ޢަބްދުﷲ ރިޔާޒަކީ ވެސް މިހާރުގެ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ދެބޭފުޅުން ކަމަށެވެ. އަދި އެ ދެ ބޭފުޅުންނަކީ ތިމަރަފުށްޓަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އެހެންވީމާ އެއްވެސް ކޮޅަކުން ނުފޫޒެއް ބޭނުން ކުރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ޢަބްދުﷲ ރިޔާޒަކީ ވެސް ތިމަރަފުށީގައި ބޮޑު ޢާއިލާއެއް އޮތް ބޭފުޅެކެވެ. އެހެންނަމަވެސް މުސްތަފާ ވިދާޅުވީ މުޅި ދާއިރާ އޮންނާނީ އޭނާއާ އެކު ކަމަށެވެ. މުސްތަފާ ވިދާޅުވީ އެހެންނަމަވެސް އިންތިޚާބެއްގައި އުނދަގޫތަކެއް ހުރެދާނެ ކަމަށެވެ. އެކަމަކު މި ފަހަރުގެ އިންތިޚާބުގައި ޢަބްދުﷲ ރިޔާޒާ ވާދަކުރައްވަން ޖެހިވަޑައިގެންނެވުމުން އެހެން ފަހަރުތަކަށްވުރެ ފަސޭހަވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.