ސްކޫލަށް ނުދެވި ތިބި ކުދިންނަށް ޚާއްސަ ޕްރޮގްރާމެއް އައްޑޫގައި ފަށަނީ

ތަފާތު ސަބަބު ތަކާހެދި ސްކޫލަށް ކިޔަވަން ނުދެވިފައި ތިބި ކުދިންނަށް ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ފަށަން ނިންމަވައިފިއެވެ.

މިއީ ދިވެހި ރެޑްކްރެސެންޓާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދިވެހި ރެޑްކްރެސެންޓުގެ ސެކްރެޓަރީޖެނެރަލް ޢާއިޝަތު ނޫރާ މުޙައްމަދު ވިދާޅުވީ މި ޕްރޮގްރާމް ފެށުމަށްޓަކައި މިހާރު ގެންދަވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެކަމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ. "އަޅުގަނޑުމެން މިގެންދަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ޙާލަތު ދެނެގަންނަމުން. ޙާލަތު ދެނެގަތުމަށްފަހު އިރާދަ ކުރެއްވިއްޔާ މިކަން ފަށާނީ،" ނޫރާ ވިދާޅުވިއެވެ. މިއަހަރުގެ ކުރީކޮޅު މި ޕްރޮގްރާމް ފެށުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރި ކުރާނީ ސްކޫލުގައި ކިޔަވާ ޢުމުރު ފުރައިގެ ކުދިންނެވެ. މިހާރު ކުރިއަށްދަނީ ޕްރްގްރާމް ހިންގާނެ ތަނަކާއި ހިންގާނެ ގޮތް ފަދަ ކަންކަން ފައިނަލްކޮށް ކަންކަން ރޭވުމުގެ މަސައްކަތް ކަމަށް ވެސް ނޫރާ ވިދާޅުވިއެވެ.

މި ޕްރޮގްރާމް އައްޑޫގައި ފެށިއަސް އެހެން ހިސާބުތަކަށް ފުޅާ ކުރެއްވުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް ނޫރާ ވިދާޅުވިއެވެ. މި ކަމުގައި މުޅި މުޖުތަމަޢުގެ އެހީތެރި ކަމާއި އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ހަމައެކަނި ތަޢުލީމުގެ ވާހަކައެއް ނޫން މިދައްކަނީ މިދައްކަނީ ހުނަރުތަކާއި، ދިރިއުޅުމުގެ ހުނަރުތައް އެކުދިންނަށް ދަސްކޮށްދޭން މަސައްކަތްކުރާނެ ވާހަކަ. އެކަންކަން ދަސްކޮށްދޭނެ މީހުން ވެސް މިޕްރޮގްރާމުގައި ބައިވެރިވާނެ. އެކުދިންނަށް އެކިކަހަލަ ހުނަރު ބޭނުންވާނީ. ބައެއް ކުދިންނަށް ތަޢުލީމް ވެސް ބޭނުންވެދާނެ. އަނެއްބައި ކުދިންނަށް ތަޢުލީމަށްވުރެ އެހެން ހުނަރެއް ދަސްކުރަން ބޭނުންވެދާނެ،" ނޫރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުދިން ބޭނުންވާ ކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.