އިންނަމާދޫ ކައުންސިލް މެމްބަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ  ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިކަން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ބަނދަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރަން ވަރަށްބޮޑަށް ބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ ބައެއް ކައުންސިލުން އިސްނަގައިގެން މިހާރު ހޯދާފައިވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ބޭނުންވާ ބާކީ ފައިސާ ދައުލަތުން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސަރުކާރުގެ އެއްބާރުލުމާއެކު މިސްކިތް ބިނާކުރަން ބޭނުންފުޅުވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ފާހަގަކުރައްވަމުން އެބޭފުޅުން ވަނީ ނަރުދަމާގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އަތޮޅުގެ ބޯޓު ޔާޑުތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އިންނަމާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. މިބައްދަލުކޮށްލެއްވުމުގައި މެންބަރުންވަނީ ރާއަތޮޅުގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުން ރައްޔިތުންގެ ބޭނުންތައް ވަރަށް ބޮޑަށް އޮޅުން ފިލައިވަޑައިގަންނަވާ ކަމަށާއި، އިންނަމާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.