ރާއްޖޭގައި ދިނެއްގެ ގޮތުގައި އަބަދުވެސް އޮންނާނީ އިސްލާމް ދީން ކަމަށާއި އަބަދުވެސް ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ދީނާ ޚިލާފު ވާހަކަތައް ފަހަކަށް އައިސް ބަޔެއް ފަރާތްތަކުން ދައްކަމުންދާ ކަމަށްބުނެ ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށް މިނިސްޓަރ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީން ޙިމާޔަތް ކުރުމަކީ ދިވެހި ދައުލަތަށްވެސް އަދި ކޮންމެ ފަރުދެއްގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
"ދިވެހިންގެ ދީނަކީ އިސްލާމް ދީން. އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީން. އިސްލާމް ދީން ޙިމާޔަތް ކުރުމަކީ ދިވެހި ދައުލަތާއި އަދި ކޮންމެ ފަރުދެއްގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެއް" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމް ދީނާ ޚިލާފު ވާހަކަތައް ބަޔެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ލިޔަމުންދާތީ އެކަމުގެ ކަންބޮޑުވުން އޮތުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް މިހާރު ވަނީ އެފަދަ ކަންކަން ބެލުމަށް ޚާއްސަ ކޮމިޓީއެއްވެސް އުފައްދަވާފައެވެ. އެ ކޮމިޓީގައި އިސްލާމިކް މިނިސްޓަރު ޒާހިރުވެސް އިންނަވައެވެ.
ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ދާދިފަހުން ވިދާޅުވެފައި ވަނީ ރާއްޖޭގައި ދީނީ ޚިޔާލު ތަފާތުވުންތައް އުފެދި އެފަދަ ބައިބައިވުންތަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށެވެ.