ދުނިޔޭގެ އެންމެ ބޮޑު ލަޝްކަރު އޮންނަ ޗައިނާގެ އަސްކަރިއްޔާ ވަރުގަދަކޮށް ޒަމާނީކުރުމަށް ކުރިއަށްދާ މަޝްރޫއުގެ ދަށުން އެގައުމުގެ އެއްގަމު ސިފައިންގެ %50 މަދުކުރަން ނިންމައިފިއެވެ.
މީގެ ކުރިން ޗައިނާއިން އިސްކަން ދީފައިވަނީ އެގައުމުގެ އަސްކަރިއްޔާއަކީ ދިފާއީ ލަޝްކަރެއްގެ ގޮތުގައި ބާއްވައި އެއްގަމު ސިފައިންގެ ލަޝްކަރުތައް ވަރުގަދަކުރުމަށެވެ. ނަމަވެސް އާ ސިޔާސަތުގެ ދަށުން ޗައިނާގެ އަސްކަރިއްޔާއަކީ ޗައިނާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްވެ ހަރަކާތްތެރިވާނެ އަސްކަރިއްޔާއަކަށް ބަދަލުވާނެއެވެ. އެހެންކަމުން، ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވަރުގަދަ ކުރެވޭނެއެވެ.
2013 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޗައިނާގެ އަސްކަރިއްޔާގައި 2.3 މިލިއަން ސިފައިން ތިބިއިރު، ގަނޑުގެ ސިފައިންގެ އަދަދަކީ 2 ލައްކަ 35 ހާހެވެ. އަދި ވައިގެ ސިފައިންގެ ގޮތުގައި ތިބީ 3 ލައްކަ 98 ހާސް ސިފައިންނެވެ.
މިހާރު ޗައިނާއިން ވަނީ އެގައުމުގެ ލަޝްކަރުތަކުގައި ތިބި ސިފައިންގެ އަދަދު 2 މިލިއަނަށް ތިރިކޮށްފައެވެ. މަދުކުރި 3 ލައްކަ ސިފައިން މަދުކޮށްފައި ވަނީ އެއްގަމު ސިފައިންގެ ތެރެއިންނެވެ.
"މި އާ އަދަދުތަކަކީ މީގެ ކުރިން ދުވަހަކުވެސް ޕީއެލްއޭ (ޕީޕަލަސް ލިބަރޭޝަން އާމީ) އާ ގުޅޭގޮތުން ފެނިފައިވާ އަދަދުތަކެއް ނޫނެވެ. މިހާރު އެއްގަމު ސިފައިންގެ އަދަދު މުޅި ލަޝްކަރުގެ %50 އަށްވުރެ މަދުވާނެއެވެ. އަހަރުމެންގެ ލަޝްކަރުގައި ތިބި ހަނގުރާމަތަކުގައި ބައިވެރި ވާންނުޖެހޭ ސިފައިން މިހާރު ވާނީ ވަކިކޮށްފައެވެ. އަދި ޕީއެލްއޭގައި ތިބި އޮފިސަރުންގެ އަދަދު ވަނީ %30 އަށް ދަށްކޮށްފައެވެ." އަސްކަރިއްޔާއަށް ގެނައި ބަދަލުތަކާ ބެހޭގޮތުން ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުވާއިން އާއްމުކުރި ޚަބަރެއްގައި ވެއެވެ.
ޗައިނާގެ އަސްކަރިއްޔާއަށް މިގެންނަ ބަދަލުތަކާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވާނީ އެގައުމުގެ އެންމެ ބޮޑު އަވަށްޓެޔާ، އިންޑިޔާއެވެ. ޗައިނާގެ އައު އަސްކަރީ ސިޔާސަތާގުޅިގެން އިންޑިޔާއިންވެސް އެގައުމުގެ އަސްކަރިއްޔާއަށް ބަދަލުތަކެއް ގެންނަން ފަށާފައިވާކަން ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.
ސިންގަޕޫރުގެ ނަންޔަންގް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގެ ވިޒިޓިންގ ފެލޯ ރާޖީވް ރަންޖަން ޗަތުރްވެދީ ވިދާޅުވިގޮތުގައި، ޗައިނާގެ އައު ސިޔާސަތާ ގުޅިގެން އިންޑިޔާއިން ހަމައެކަނި އެގައުގެ އަސްކަރިއްޔާއަށް ބަދަލުތައް ގެނައީއެއް ނޫނެވެ. އިންޑިޔާއިން ވަނީ ސްޓްރެޓީޖިކް ދިރާސާތަކަށް ކުރާ ހޭދަތައް އިތުރުކޮށް އެގައުމުގެ ރަހްމަތްތެރިންނާ ގުޅުން ބަދަހިކުރަންވެސް ފަށާފައެވެ.
ފާއިތުވި އަހަރުތަކުގައި ޗައިނާ ވަނީ އެގައުމުގެ ކަނޑުގެ އަސްކަރިއްޔާ ވަރަށް ވަރުގަދަކޮށްފައެވެ. ޗައިނާގެ ކަނޑުގެ ސަފައިން މަތިންދާބޯޓު އުފުލާ އެއް މަނަވަރު މިހާރު ބޭނުންކުރަމުން ދާއިރު، މަތިންދާބޯޓު އުފުލާ އެއް މަނަވަރު ވަނީ ޓެސްޓުކުރުމުގެ މަރުހަލާގައެވެ. އަދި އިތުރު މަތިންދާބޯޓު އުފުލާ މަނަވަރެއް ދަނީ ބަންނަމުންނެވެ. ޗައިނާގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޗައިނާއިން ރާވާފައި ވަނީ މަތިންދާބޯޓު އުފުލާ ހަ މަނަވަރު ބަނުމަށް ރާވާފައެވެ.