ފޮރިން މިނިސްޓަރ ޝާހިދު ތިން ޤައުމަކަށް ފުރައިވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ތިން ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ.

އެމަނިކުފާނު ފުރައިވަޑައިގެންނެވީ ޔޫއޭއީ އާއި އެމެރިކާއި އިނގިރޭސި ވިލާތަށެވެ. މި ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމާއި، އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިނިސްޓަރ ވިދާޅުވީ މި ދަތުރުފުޅުގައި ޔޫއޭއީއަށް ވަޑައިގަންނަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަން ތަންފީޒު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކަމަށެވެ. "އެ މަސައްކަތުގެ ތަފްސީލްތައް ހިފައިގެން އަޅުގަނޑުމެން މިދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ޔޫއޭއީއަށްފަހު މިނިސްޓަރ ވަޑައިގަންނަވާނީ އެމެރިކާގެ ވޮޝިންޓަނަށެވެ. "އެދަތުރުގެ ބޭނުމަކީ އެމެރިކާއާއެކު އޮންނަ ގުޅުން ބަދަހިކޮށް އަދި އަޅުގަނޑުމެން ބައިނަލް އަޤުވާމީ މުޖުތަމަޢުގައި އަލުން ބައިވެރިވާންފެށި ބައިވެރިވުމުގެ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި މަޝްވަރާ ކުރުމަށް ކުރާ ދަތުރެއް،" މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ އދ. ގެ ސަލާމަތީ މަޖިލިހުގައި ބާއްވާ ތިމާވެއްޓާބެހޭ ބަޙުސެއްގައި ރާއްޖޭގެ ފަރާތުން ވާހަކަ ދެއްކެވުމަށެވެ. މިއީ ސަލާމަތީ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ސަލާމަތީ މަޖިލީހުގެ ބަޙުސްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މިނިސްޓަރ ވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. އެއީ ލަންޑަނުގެ ފޮރިން އޮފީހުން ބާއްވާ ޑިމޮކްރަސީއާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

"މިދަތުރުގައި އަޅުގަނޑު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ބައްދަލު ކުރާނަން. އެ ބައްދަލުވުމުގައި ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް ކުރާ މަސައްކަތް ހަލުއި ކޮށްދެއްވުމަށް އެކަމަނާގެ އަރިހުން އެދޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.