ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީ ސަރަޙައްދަށް މެޓް ސާވިސް އިން ވައިޓް އެލާތް ނެރެފިއެވެ. އެސަރަޙައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 18:45 އާއި 23:45 އާ ދެމެދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ކަމަށް މެޓް ސާވިސް އިން ވިދާޅުވެފައިވެއެވެ.
ވައިޓް އެލާޓަކީ ސަމާލުވުމަށްޓަކައި ދޭ މެސެޖެކެވެ. މި އެލާޓް ނެރެނީ އާންމުކޮށް 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެނޭ ކަމަށް ލަފާ ކުރެވުމުންނެވެ. އަދި ގުރުމާއެކު ވިއްސާރަކޮށް 24 ގަޑިއިރުތެރޭގައި 50 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވުމުންނާއި އުދައަރައިފާނެ ކަމަށް ލަފާ ކުރެވުމުން ނެވެ.
ޢާއްމު މޫސުމަށް ބަލާއިރު އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި، މީގެތެރެއިން ބައެއް ރަށް ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެއެވެ. އެހެންހިސާބުތަކަށް މޫސުން ޢާންމުގޮތެއްގައިރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މެދެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައިވެއެވެ.