ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު އަނބުރައި ނުނެންގެވުމުން ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަދި ޖުމްހޫރީޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އޭނާ ހުށަހަޅުއްވައިފައިވަނީ ރައީސްކަން ކުރައްވާއިފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭގޮތަށް މަޖިލިސް އިންތިޚާނުގެ ޤާނޫނު އިސްލާޙު ކުރެއްވުމަށެވެ.
އޭނާގެ މިހުށަހެޅުމަކީ ޖުމްހޫރީ ޕާޓީއަށް ވެސް އަދި ޖޮއިންޓް ޕާލިމެންޓަށް ވެސް އެނގިގެން ހުށަހެޅި ހުށަހެޅުމެއް ނޫންކަމަށް ޖޭޕީގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި އެ އިސްލާޙު އަނބުރައި ނެގުމަށް ލަޠީފަށް އެންގި ނަމަވެސް އޭނާވަނީ އެ އިސްލާހު ނެގުމަށް އިންކާރު ކުރައްވައިފައެވެ.
މިކަމާ ގުޅިގެން ޢަބްދުﷲ ރިޔާޒު ވިދާޅުވީ ލަތޠީފްގެ މައްސަލަ މިހާރުވަނީ ޖޭޕީގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅައިފައި ކަމަށެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ރައީސް ނަޝީދަށް ފުރައްސާރަ ކުރުމުގެ ގޮތުން ލަޠީފް ހުށަހެޅުއްވި އިޞްލާޙެއް ކަމަށެވެ. ރައީސް ނަޝީދުވަނީ މިއަހަރު އެޕްރީލް 6 ގައި ބާއްވާ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފައެވެ.
އެމްޑީމް ބުނެފައިވަނީ ޖޫމްހޫރީ ޕާޓީ އިސްވެއޮވެ މިއިސްލާޙު ނެގިކަން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންނޫނީ ކޮލިޝަނަށް ވެގެންދާނެ ގޮތާމެދު ވިސްނާލުމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.