ޕެރިޝަބަލް މުދާ ބަލައިފާސްކޮށް ދޫކުރެވޭނެ އަވަސް އިންތިޒާމްތަކެއް ހަމަޖައްސައިފި!

images

ރާއްޖެއަށް އެތެރެކުރެވޭ ޕެރިޝަބަލް މުދާ ދޫކުރުން އަވަސްކޮށް ހަރުދަނާކުރުމަށްޓަކައި ކަނޑުމަގުން ރާއްޖެ އެތެރެކުރެވޭ މުދާ ބަލައިފާސްކޮށް ދޫކުރުމަށްޓަކައި ޑެކްލަރޭޝަންސް ބަލައިގަތުމާއި މުދާ ދޫކުރުމުގެ މިހާރު ހަމަޖައްސާފައިވާ އިންތިޒާމްތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެންނަ ގޮތަށް ކަސްޓަމްސް އިން ހަމަޖައްސައިފިއެވެ.

މިބަދަލާއި އެކު މުދާ ބަލައިފާސްކުރުމަށްޓަކައި، ޕެރިޝަބަލް މުދަލުގެ ގުޑްސް ޑިކްލަރޭޝަން ބަލައިގަތުމާއި ދޫކުރުމުގެ ކަންތައް ކުރިޔަށްގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ތަރުކާރީ ގުދަނުގެ ތެރޭގައި ޤާއިމްކުރެވިފައިވާ ކަސްޓަމްސް އޭރިޔާގައި ޤާއިމްކޮށްފައިވާ ކަސްޓަމްސް އެގްޒަމިނޭޝަން ޔުނިޓް އިންނެވެ. މީގެ ސަބަބުން ޕެރިޝަބަލް މުދަލާގުޅޭގޮތުން ޚިދުމަތްހޯދާ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެވި، އެފަދަ މުދާ ބަލައިފާސްކޮށް ދޫކުރުމުގެ ކަންތައްތައް މިހާރަށްވުރެ އަވަސްވެގެންދާނެއެވެ.

ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ވީހާވެސް ލުއިފަސޭހަ އަދި އަވަސްގޮތެއްގައި ދޫކުރުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު މަޝްވަރާކޮށް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު މިވަނީ ފަށާފައެއެވެ. މިގޮތުން ރިސޯރޓްތަކަށާއި އަތޮޅުތަކުގައި ހިންގާ ޕްރޮޖެކްޓްތަކަށް އިމްޕޯޓްކުރެވޭ ޝިޕްމެންޓްތައް ބަލައި ފާސްކޮށް ދޫކުރުމަށްޓަކައި ހުޅުމާލޭގައި ކަސްޓަމްސްގެ ސެކްޝަނެއް ޤާއިމްކޮށް މިހާރު ގެންދަނީ ޚިދުމަތްދެމުންނެވެ. އަދި މީގެ އިތުރުން، މާލޭ ކޮމާޝަލް ހާބަރ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ސަރަހައްދުގެ ޔާޑްކޮޅުގައި ކަނޑައެޅޭ ވަކިބާވަތްތަކެއްގެ މުދާ ދޫކުރެވޭނެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖެއްސިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.