ހދ. ކުޅުދުށްފުށީގައި ނެއިބަރހުޑް ޕޮލިސް ތައާރަފު ކުރަން ނިންމައިފިއެވެ.
ކުޅުދުށްފުށީގައި ނެއިބަރހުޑް ޕޮލިސް ތައާރަފު ކުރަން ނިންމައި މިހާރު ވަނީ އެރަށުގައި ޕައިލެޓް ޕްރޮޖެކްޓްވެސް ފަށާފައެވެ. އެގޮތުން ޕައިލެޓް ޕްރޮޖެކްޓުގެ ތެރެއިން އެރަށުގެ އާންމު ރައްޔިތުންގެ ޚިޔާލުވެސް ފުލުހުން މިހާރު ވަނީ ހޯދުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.
ފުލުހުން ބުނީ ރަށުގެ އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޕްރޮގްރާމެއް އިއްޔެ ފަށާފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިޔަށް ގެންދާ އެ ޕްރޮގްރާމްގައި އެރަށުގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި އަމިއްލަ އޮފީސް ތަކުގެ އިތުރުން ރަށުގެ ފިހާރަތަކާއި ރަށުގެ ގެތަކަށްވެސް ފުލުހުންގެ ޓީމު ތަކުން ގޮސް ޚިޔާލު ހޯދާނެ ކަމަށެވެ.
އެގޮތުން ނެއިބަރހުޑް އޮފިސަރުންނާ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި، އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކުށުގެ ބިރުވެރިކަން ކުޑަކޮށް ރަށުތެރޭގައި އަމާންކަން ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ނެއިބަރހުޑް އޮފިސަރުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިކަން އޮޅުންފިލުވައި ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހުރި ކަންމާއި ގުޅޭގޮތުން މަޢުލޫމާދު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.