ކެމްބޯޑިޔާގެ ރަށްފުށަށް ދިރުމެއްގެނައި ކުޑަކުޑަ ދަގަނޑު މަހެއްގެވާހަކަ

ކެނެޑާގެ ރައްޔިތެއްކަމުގައިވާ ޑރ. ކްރިސްޓޮފަރ ޗާލްސް، ޔުނިވަރސިޓީން ދަސްވެނިވެ ވަޑައިގަތުމުން ދިގު ދަތުރެއް ކުރަށްވައި ވަޑައިގަތީ ކެމްބޯޑިޔާގެ ރަށްފުށު ހިސާބަކަށެވެ. ދާދި ފަހުން ޑުބާއި ގައި ދެއްވި ދަރުސެއްގައި ވިދާޅުވި ގޮތުގައި އޭނާ އެދުވަސްކޮޅު ދިރިއުޅުއްވި ހިސާބުގައި ގްރޭޑް ނުވަޔަކަށްވުރެ މައްޗަށް ނިޒާމީ މަދަރުސާއަކުން ކިޔަވާފައިހުރި މީހަކީ އޭނާ އެކަންޏެވެ! އިނޖެކްޝަނެއް ޖެހުން ފަދަ ހުޅަނގުގެ ބޭސްވެރިކަމުގެ މިންވަރެއްވެސް ދަންނަ މީހަކީ އެދުވަސްވަރު އެ އަވަށުގައި ހަމައެކަނި އޭނާއެވެ. މިހެން އުޅުއްވުމުގެ ތެރޭގައި ފާހަގަ ކުރެއްވުނީ އެންމެ ހަލަބޮލިކޮށް ދުވެ، ފުމެ ތެޅިފޮޅޭ އުމުރުގެ ކުދިންވެސް ހަކަތަ ހުސްވެގެން މަޑުމަޑުން ތިބޭތަނެވެ. މާބަނޑު އަންހެނުންވެސް އާންްމު ސިއްހަތު ދައްކަމުން އެމީހުންވެސް ހަމަ މިފަދައެވެ! ސަބަބަކީ ލޭގައި ހުންނަންވާ ރަތް ސެލްސްގެ ފަގީރުކަމެވެ! އާދެ އެނީމިއާއެވެ!

އޭޝިޔާގެ އެހެން ގައުމުގައުމެކޭ އެއްފަދައިން ކެމްބޯޑިޔާގެ އާންމު ރައްޔިތުންގެ މައިގަނޑު ކެއުމަކީ ކޯރުމަހާއި ބަތެވެ. ނުވަތަ ހަނޑުލުން ތައްޔާރު ކުރާ ތަފާތު ކާނާއެވެ. ކެމްބޯޑިޔާގެ އެންމެ އުތުރުން ފެށިގެން 4350 ކިލޯ މީޓަރުގެ ދިގު ރާސްތާއަކަށްފަހު ކެމްބޯޑިޔާނިމި ވިޔެޓްނާމުގެ އެންމެ ދެކުނުން ދެކުނު ޗައިނާ ކަނޑަށް އޮހޭ އެ ބިޔަ ކޯރަކީ މީކޮންގް ކޯރެވެ! މިއީ ދެކުނު އޭޝިޔާގައިވާ އެންމެ ދިގު އެންމެ ބިޔަކޯރެވެ! މިކޯރުގެ ތިޔާގިކަމުގެ ސަބަބުން ހަ ގައުމެއްގައި ދިރިއުޅޭ އެއްސަތޭކަ މިލިޔަން މީހުންގެ ރޯދިބަރަކާތް ފަހިވެފައިވެއެވެ! ނަމަވެސް ހަމައެކަނި މަހާއި ހަނޑުލުން ހަށިގަނޑަށް ބޭނުންވާ ބައެއް މައުދަނާއި ވިޓަމިން ނުލިބޭތީ މިމީހުންގެ ކެއުމުގައި ދަގަނޑުގެ ބައި މާމަދީއެވެ. މިހެންވެ ރަތްސެލް ލޭގައި ހުންނަންޖެހޭވަރަށް އުފައްދައިނުދެނީއެވެ! ކުޑަކުދިންވެސް ކުޅޭނެ ހަކަތައެއް، ގިނައިރު ކިޔަވަން އިންނާނެ ހިތްވަރެއް ނުހުރެއެވެ. ވިހާއުމުރުގެ އަންހެނުންވެސް ސިއްހަތު ދަށްކަމުން ވިހެއުމުގައި ލޭމަނާ ނުވުމާއި އަވަހަށް ގައިގައި ވަރުޖެހުން ލަސްވަނީއެވެ. ވިހާ ތުއްތު ދަރިފުޅުގެ ހާލުވެސް މާ ކަމީނާވަނީ މިހެންވެއެވެ.

ޑުބާއި ގައި ދެއްވި ދަރުސެއްގައި ޑރ. ކްރިސްޓޮފަރ ޗާލްސް ވިދާޅުވި ގޮތުގައި އެނީމިއާއަކީ އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން ދިމާވާ ސިއްހީ އެންމެ ބޮޑު މައްސަލައެވެ! އެންމެ ބޮޑަށް ފާހަގަވަނީ ވިހާއުމުރުގެ އަންހެނުންގެ ކިބައިގައްޔާއި ޅަފުރައިގެ ކުދިންގެ ކިބައިގައެވެ. މިކަމަށް ހުރި ބޭހަކީ ތޯއެވެ؟ ގިނައިން ފަތް ކެއުމާއި ގެރިބަކަރިމަސް ކެއުމާއި ތަރުކާރީ ކެއުމެވެ. ނުވަތަ ބޭސްގުޅައެކެވެ! ނަމަވެސް ދިމާވާ އެއް މައްސަލައަކީ ފަގީރުންނަށް މި ބޭސް ގަންނަން ނުލިބުމެވެ. އަަނެއް ކަމަކީ ބޭހުގައިލާ ދަގަނޑު ރަހައިގެ ސަބަބުން ކުޑަކުދިން އެ ބޭސް ކާހިތްނުވުމެވެ! އަދި މި ބޭސް ނުގުޅޭމީހުންވެސް އުޅެއެވެ!

މިިހިސާބުން ޑރ. ކްރިސްޓޮފަރ ޗާލްސް އެކި އަވަށަށް ޒިޔާރަތް ކުރައްވައި ކުދިބޮޑު މީހުންގެ ތެރެއިން ގިނަބައެއްގެ ލޭ ނަންގަވައި އެންމެ ކައިރި ސަހަރުގައި ހުރި ތަހުލީލީ މަރުކަޒަކަށް ވަޑައިގެން ލޭ ތަހުލީލު ކުރުވަމުން ގެންދެވުމުން، ކުރިން ވެފައިވާ ޝައްކު، ޔަގީންކަމަށް ބަދަލުވެއްޖެއެވެ. ކުދިންނާއި މައިން ހަކަތަ ހުސްވެފައި މިތިބެނީ ހަމަ އެންމެ ސަބަބަކާއި ހުރެއެވެ. ލޭގައި ދަގަނޑުގެ ބާވަތް މާ މަދީއެވެ! މިހެންވެ ވިސްނެވީ އެންމެ ޚަރަދު ކުޑަ ގޮތަކަށް، އަދި ކުޑަކުދިންވެސް ބަލައިގަނެ، ކެމްބޯޑިޔާ ރަށްފުށު މީހުންގެ އާދަކާދަޔާ ދުރު ނޫންގޮތެއްގައި މިކަން ކުރުމެވެ. މި ދުވަސްވަރަކީ މި ހިތްހެޔޮ ކްރިސްޓޮފަރ ޗާލްސް އަދި ޕީއެޗްޑީ ފާސް ނެންގެވުމުގެ ކުރިއެވެ. ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކެނެޑާގައި ތިއްބެވި އޭނާގެ އުސްތާޒުންވެސް މީނާގެ މަސައްކަތަށް ވަރަށް ތަރުހީބު ދެއްވި ކަމުގައެވެ. އަދި ޕީއެޗްޑީ ފާހަށް ބޭނުންވާ ދިރާސާ އެކުލަވައިލެއްވި ފޮތް ނިންމައި ހުށަހެޅުމަށް ހަމަޖެހިފައިވާ މުއްދަތުވެސް އިތުރުކޮށްދެއްވައި ކެމްބޯޑިޔާގެ ރަށްފުށުގައި ދިރިއުޅޭ ނިކަމެތިންގެ މައްސަލަ ހަމައެކަނި އެނގުމަކުން އެމީހުންނަށް ކުރާނޭ މާބޮޑު ފައިދާއެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި ކްރިސްޓޮފަރ ޗާލްސް އަށް އެ ހޯދުނު ކަންކަމުގެ ހައްލެއްވެސް ހޯދާނޭ ފުރުސަތު އޭނާ ކިޔަވައި ވިދާޅުވި ޔުނިވަރސިޓީން ދެއްވިއެވެ.

ޑރ. ކްރިސްޓޮފަރ ޗާލްސް ވިދާޅުވާ ގޮތުގައި ދަގަނޑުތެލީގައި ކައްކާނަމަ މިފަދަ މައްސަލައެއް ދިމަލެއް ނުވާނެއެވެ. ދަގަނޑު ތެލީގައި ކެއްކުމުން އެ ކެކެމުންދާ ފެނުގެ ތެރެއަށް މަޑުމަޑުން ދަގަނޑުގެ ތާސީރު ކައްކާ އެއްޗަކަށްވަދެ ( އެންމެ ފުރިހަމައީ ކޮންމެވެސް މިންވަރަކަށް ހުތްކޮޅެއް ފެލައިލުމެވެ. ލުނބޯހުތުގެ އިތުރުން ހުތްކަމެއް ހުންނަ ކޮންމެ އެއްޗެއްވެސް ކަމުދެއެވެ.) ކާމީހުންނަށް ފައިދާކުރުމެވެ. ނަމަވެސް، ދަގަނޑު ކަންވާރުގައި ކެއްކުމުން، މި ހޫނު ހިސާބުހިސާބުގައި ކެއްކި އެއްޗެއް ނުބައިވުން އަވަހެވެ. މިއީ ނިކަމެތިންކަމުން، އެއްތެލީގައި ކައްކައި، ދެން އެހެން ކަންވާރަކަށް ބަދަލުކޮށް، އައިސް އަލަމާރިޔަށް ލެވެން ނުހުންނަނީއެވެ! ދަގަނޑު ތެލީގައި ކެއްކުމާ މިމީހުން ދުރުވީ މިހެންވެއެވެ.

ދަގަނޑު ތެލީގައި ކެއްކުމުން ހަށިގަނޑަށް ބޭޏުންވާ މިންވަރަށް ދަގަނޑުގެބައި ލިބޭކަން ޑރ. ޗާލްސަށް އެނގިވަޑައިގެންފައިވާތީ، މީނާއަށް ވިސްނިވަޑައިގަތީ ދަގަނދުކޮޅެއް ތެއްޔަށް ލައިގެން ކެއްކުމުން އާއިލާއަށް ބޭނުންވާ މިންވަރަށް ދަގަނޑުގެބައި ލިބޭނޭކަމެވެ. (ޑރ. ކްރިސްޓޮފަރ ޗާލްސް ވިދާޅުވާ ގޮތުގައި ހަށިގަނޑަށް ބޭނުންވާވަރަށް ލިބުމުން، އިތުރުބައި ހަށިގަނޑުން ބޭރުކުރެއެވެ!) މިގޮތުން އެންމެ ފުރަތަމަ އާއިލާތަކަށް ބެހީ، ކެރެމްބޯޑު ބޮޑުފޮތި ކަހަލަ ދަގަނޑުކޮޅެކެވެ. ދިމާވި ކަމަކީ މިފަދަ ދަގަނޑުފޮއްޗެއްގެ ބޭނުން ހިފޭލެއް މާބޮޑުވީއެވެ! ހެލޭ މޭޒެއް ހުރިނަމަ އެއްފައިދަށަށް ލަނީވެސް އެއްކަލަ ދަގަނޑުކޮޅެވެ! ކުޑަކުދިން ވެސް އެ ދަގަނޑުފޮތިން ލައްކަ ކަންތައް ކުރަން ހުރެއެވެ! މިހެން ތަފާތު ބޭނުމަށް ފުދޭ އެއްޗަކީ، ކައްކާއިރު ތެއްޔަށް ލާން މާފަސޭހަ އެއްޗަކަށް ނުވެއެވެ. ހޯދަން ހޭދަވާ ވަގުތާއި ސާފުކަން ކުޑަވުމެވެ!

ޑރ. ކްރިސްޓޮފަރ ޗާލްސް އަށް މި ދަގަނޑުކޮޅު މަހެއްގެ ސިފައިގައި ތައްގަނޑަށް އަޅަން ޚިޔާލުކުރެވުނީ މިހެންވެއެވެ! ފަންނުވެރިޔަކު ލައްވައި ފަރުމާކުރުވި މަހަކީ ކެމްބޯޑީޔާގެ ލޭނާރު ކަމުގައިވާ މީކޮންގް ކޯރުގައި އުޅޭ މަހެކެވެ. މި މަހުގެ އަނގަމަތި ހުންނަނީ ޒާތަކަށް ހިނިއައިސްފައި ކަހަލަ ގޮތަކަށެވެ. ވީމާ ޑރ. ކްރިސްޓޮފަރ ޗާލްސް ބޭނުންފުޅުވި ކުޑަކުޑަ ދަގަނޑުމަސް ބައްޓަންކުރެވުނީ ކޯރުގައި އުޅޭ މިދެންނެވުނު މަހުގެ ބައްޓަމަށެވެ. މި އާ ފަރުމާއަކީ ކެމްބޯޑިޔާ ރައްޔިތުން މާ ގަބޫލު އެއްޗަކަށް ވެއްޖެއެވެ. ކެމްބޯޑިޔާމީހުން ދެކޭ ގޮތުގައި މަހަކީ ހެޔޮނަސީބު ގެނެސްދޭ ރަނގަޅުފާލެކެވެ. މި ލިޔެވުނު ޖުމްލައިގައިވާ ދޭހައާއި ބެހޭގޮތުން، އިނގިރޭސިވިލާތުގެ ލިވަރޕޫލް ޔުނިވަރސިޓީގެ ޕްރޮފެސަރ އިމެލްޑާ ބޭޓްސް ވިދާޅުވާ އެއްޗެއް ހުށަހަޅައިލިޔަދެއްވާށެވެ. ޕްރޮފެސަރ ލިޔުއްވާގޮތުގައި: ” އާންމުންނަށް ހުށަހެޅޭ އެއްޗަކީ ސަގާފީގޮތުން އެމީހުންނާއި ގުޅޭ އެއްޗަކަށްވެފައި، އެއީ މާ އަގުބޮޑު އެއްޗެއް ނޫންނަމަ އެއީ އާންމުން އުފަލުން ބަލައިގަންނާނޭ އެއްޗެކެވެ!” ޑރ. ކްރިސްޓޮފަރ ޗާލްސްގެ މި ދަނގަނޑުމަސް ކެމްބޯޑިޔާ މީހުންނަށް އެހާކަމުދިޔައީ އެހެންވެއެވެ!

އާންމު ކެއްކުމުގައި މި ކުޑަކުޑަ ދަގަނޑުމަސް ބޭނުންކުރަމުން އައި އާއިލާތަކުގެ މީހުންގެ ލޭ، އެއް އަހަރު ފަހުން ނަގައި ތަހުލީލު ކުރުމުން ހާމަވި ހަގީގަތަކީ، އެކަމުގައި ބައިވެރިވި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވަރުދެރަވާ ބަލިން ސަލާމަތްވިކަމެވެ! މިހާރު ތިންހާހެއްހައި އާއިލާއިން އާންމު ކެއްކުމުގައި މި މަސް ބޭނުންކުރެއެވެ. މި މަސް ތައްޔާރު ކުރާ ކުންފުނިން މިހާރު ނުވަހާސް މަސް ހޮސްޕިޓާ ތަކަށާއި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ބަހައިފިއެވެ!

އެނީމިޔާ އަކީ ހަމައެކަނި ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވެގެން ޖެހޭ ބައްޔެއްނޫނެވެ. ވިޓަމިން ބީ 12 އާއި ވިޓަމިން އޭ ހަށިގަނޑުގައި މަދުވުމުންވެސް މީހުން ވަރުބަލިވެ ހަކަތަހުސްވެގެން ބިތްޖެހިފައި ތިބެއެވެ. ފަގީރު ހިސާބު ހިސާބުގައި ރަނގަޅު ތަހުލީލެއް ކުރަން ދަތިވުމުގެ ސަބަބުން މީހުންގެ ހަކަތަ ނެތީ ސީދާ ކީއްވެކަން ބުނަން ދައްޗެވެ. ނަމަވެސް މި ކުޑަކުޑަ ދަގަނޑު މަސް ކެއްކުމުގައި ބޭނުންކުރަން ފެށުނު ފަހުން އުފެއްދުންތެރިކަން އިންސައްތައިން ވިހިބައި އިތުރުވެއްޖެކަމަށްވެއެވެ! ޑރ. ކްރިސްޓޮފަރ ޗާލްސް ދެއްވި ދަރުސެއްގައި ވިދާޅުވި ގޮތުގައި ޕްބްލިކް ހެލްތު މަސައްކަތުގައި ގިނަފަހަރަށް ކަމެއް ކުރަން އުޅޭ ހިސާބުގެ ދެބައިކުޅަ އެއްބައި މީހުންވެސް އާ ޚިޔާލެއް ބަލައެއް ނުގަނެއެވެ. ނަމަވެސް މީނާ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއަކީ ސައްތައިން ނުވަދިހަ މީހުން މި މަސްބޭނުންކުރަންފެށިއެވެ!

މި ބުރަ މަސައްކަތުން މި ޒުވާން ޑަކްޓަރަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ، އެއްކަލަ ކުޑަކުޑަ ދަގަނޑުމަސް ބޭނުންކުރާ މީހުން، މީނާ ފެނުމުން އައިސް އުފަލުން، އެމީހުންގެ ކިބައިގައި މިހާރު ވަރު ހުންނަކަމާއި، އަބަދު އަަބަދު ބޮލުގައި ރިހި، ބޯ އަނބުރާތީ އުޅެން ނުޖެހޭކަމަށް ބުނާތީއެވެ! އަންހެނުން އައިސް އުފަލުން ދައްކާ ވާހަކައަކީ ކުދިން ދުވެ، އުފަލުން ކުޅެން އުޅޭވާހަކައެވެ. ކިޔަވަންވެސް ގިނައިރު އިނދެވޭވާހަކައެވެ! މިހުންނަނީ ކެތްތެރި، ހިތްތިރި އިލްމުވެރި އެންމެ މީހެއްގެ ސަބަބުން އެތައް ހާސްބަޔަކަށް ކުރާ މަންފާއެވެ! މިފަދަ މީސްމީހުން ގިނަކުރައްވާނދޭވެ!

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.