ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ ހަތް ވަނަ ބޭސިކް ޑައިވިންގ ކޯސް މިއަދު ފަށައިފިއެވެ.
މިމަހުގެ 14 އިން ފެށިގެން16 ހަފުތާގެ މުއްދަތަށް ހިންގާ މި ކޯސް ކުރިއަށްދާނީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް އެންޑް އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިއީ އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ވަނީ ބައިވެރިވެފައެވެ.
މިކޯސް ފެށުމުގެ ގޮތުން މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ ހުވާ ލައިދެއްވީ ކޯސްޓްގާޑް ޓްރޭނިންގ ސްކޫލްގެ ކޮމާންޑިންގ އޮފިސަރ މޭޖަރ ރިޒްމީ ވަލީދެވެ. އަދި ދަރިވަރުންނަށް ހުވާ ލައިދެއްވީ މި ކޯހުގެ ކޯސް އޮފިސަރު ކެޕްޓަން ޔޫސުފް ނިޝާރެވެ. މިކޯހުގެ އެގްޒެކެޓިވް އޮފިސަރަކީ ފަސްޓް ލެފްޓިނަންޓް އާސިފް ހާރޫނެވެ.