ޤައުމީ އިނާމާއި، ޚާއްސަ އިނާމް ދެ ރަސްމިއްޔާތެއްގައި ދެއްވަން ރައީސް ލަފާ ދެއްވައިފި

ޤައުމީ އިނާމާއި ޚާއްޞަ އިނާމު ވަކިން ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވެ ލަފާ ދެއްވީ އެ ދެ އިނާމް ދެއްވާ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަށް ބެހޭގޮތުން ދެ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ފެނިވަޑައިގަންނަވާ ލަފައެއް އެމަނިކުފާނަށް ދެއްވުމަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންނެވިއެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމު މީގެކުރިން ދެއްވަމުން ގެންދެވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރައްވާ ފަރާތްތަކަށް މުޅި ޔުނިވަރސިޓީން އެއްވަނަ ލިބުނު ނަމަވެސް 85 އިންސައްތަ ހަމަނުވުމުގެ ސަބަބުން އިނާމަށް ޝަރުތުހަމަނުވާ ބައި ކޮންމެވެސް ހަމަޖެހޭ އުޞޫލަކުން އެ ދަރިވަރުންގެ ވެސް ހިތްވަރުގެ އަގުވަޒަންކުރުމަށް ބާރު އެޅޭނެ ފަދަ ގޮތަކަށް އެކުލަވައިލެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމާ ބެހޭ ކޮމިޓީތަކުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ހަމަހަމަކަމާއި އިންސާފާއެކު ކުރިޔަށް ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އެކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.