ޗައިނާގައި އިސްލާމްދީނުގެ ތަސައްވަރު ބަދަލުކޮށް، ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ސިޔާސަތުތަކާއި އާދަކާދަތަކާ އެއްގޮތަށް މުސްލިމުންގެ ގަބޫލުކުރުންތައް ބަދަލުކުރުމަށް ހިންގާ ފަސް އަހަރުދުވަހުގެ މަޝްރޫއެއް ޗައިނާއިން ފަށައިފިއެވެ.
ފާއިތުވި ހޮނިހިރު ދުވަހު ވެރިރަށް ބެއިޖިންގގައި ބޭއްވުނު ބައްދަލުވުމެއްގައި މުސްލިމް 8 ޖަމާއަތަކާއި ޗައިނާ ސަރުކާރުން މި މަޝްރޫއަށް އެއްބަސްވެފައިވާ ކަމުގައި ޗައިނާއިން ބުނެއެވެ.
ޗައިނާ ސަރުކާރުން މުސްލިމުން 'ސޯޝަލިޓްކުރުމަށް' ކުރެވޭ މި މަސައްކަތް ބެލެވެނީ މުސްލިމުންގެ އަގީދާއާއި ސުލޫކު ކޮމިއުނިސްޓް ޕާޓީގެ މަގުސަދުތަކާއި ޗައިނާގައި ބައިގިނަ ހާން ދަރިކޮޅުގެ އާދަކާދައާއި އެއްގޮތަށް ބަދަލުކޮށްލުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ.
ސަރުކާރަށް ތާއީދުކުރާ އިނގިރޭސި ނޫސް ގްލޯބަލް ޓައިމްސް މި ބައްދަލުވުމުގެ ޚަބަރު ގެނެސްދެމުން، ނިންމުންތަކުގެ ތަފްސީލު ގެނެސްދީފައި ނުވެއެވެ. ބުނެފައި ވަނީ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމުގައެވެ. ސިޔާސީ މަސައްކަތް ވަރުގަދަކޮށް ކޮމިއުނިސްޓް ޕާޓީގެ ޒައާމަތަށް އެއްބާރުލުން ދިނުމަށް އެ ނޫހުގައި ޗައިނާގެ މުސްލިމުންނަށް ގޮވާލާފައި ވެއެވެ.
ޗައިނާގެ ރައީސު 2015 ވަނަ އަހަރު ދެއްކެވި ވާހަކަފުޅެއްގައި ޗައިނާގެ މައިގަނޑު ފަސް ދީން ކަމުގައިވާ ކެތޮލިކް ނަސާރާ ދީނާއި، ޕްރޮޓެސްޓެންޓް ނަސާރާ ދީނާއި، އިސްލާމްދީނާއި، ބުދު ދީނާއި، ޓާއޮއިޒަމް 'ސޯޝަލިޓްކުރުމުގެ' މަސައްކަތް ފަށްޓަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މުސްލިމުން މިގޮތަށް ބަދަލުކުރުމުގައި ޗައިނާގެ އަމާޒަކަށް ވެފައިވަނީ މުސްލިމުން ގިނަ ސަރަހައްދެއް ކަމަށްވާ ޒިންޖިއާންގ އުއިގޫރް އޮޓޮނޮމަސް ސަރަހެއްދެވެ. އދ. އިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުގެ މިލިއަނެއްހާ މުސްލިމުން ކޭންޕުތަކަށް ގެންގޮސް ކޮމިއުނިސްޓް ޕާޓީއަށް ވަފާތެރިވުމަށް މަޖުބޫރުކުރުން އެކަށީގެން ވެއެވެ.
ބެއިޖިންގގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ސަރުކާރުން ކަނޑައެޅި މުސްލިމް ލީޑަރުންކަމަށް ވެއެވެ. އެ މީހުން ވަނީ މުސްލިމުންގެ ސުލޫކު ކޮމިއުނިސްޓް ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ބަދަލުކުރަން ޖެހޭކަމަށް އެއްބަސްވެފައެވެ.
"އިސްލާމްދީން ސޯޝަލިސްޓް ކުރުމުގެ މާނައަކީ މުސްލިމުން އެމީހުންގެ އަގީދާއާއި، އާދަތަކާއި، އުސޫލުތައް ދޫކޮށްލުމެއް ނޫން. އެއީ އެކަންތައް ކޮމިއުނިސްޓް ޕާޓީގެ މަގުސަދުތަކާ އެއްގޮތަށް ބަދަލުކޮށްލުން." ބެއިޖިންގ ބައްދަލުވުމުއި ބައިވެރިވި މުސްލިމް ޖަމާއަތެއްގެ އިސް ވެރިއެއް ކަމަށް ގްލޯބަލް ޓައިމްސް އިން ބުނާ ގާއޯ ޒަންފޫ އާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.