އަދީބު ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުގެ އިރުޝާދާ ޚިލާފަށް: އެޗުއާރުސީއެމް

ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަދި މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) ގެ ރައީސް އަޙުމަދު އަދީބު ސްޓްރެސް ފްރީ މާޙައުލެއްގައި (ގޭގައި) ދެމަސް ދުވަހު ފަރުވާ ދިނުމަށް ޑޮކްޓަރު އަންގަވާފައިވަނިކޮށް މި ހިނގާ ޖަނަވަރީ މަހު 2 ވަނަ ދުވަހުގެ ރޭ ކަރެކްޝަނުން އޭނާ ޖަލަށް ބަދަލު ކޮށްފައިވަނީ ޑޮކްޓަރުގެ އިރުޝާދާ ޚިލާފަށް ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ބަންދުގައި ނުވަތަ ޙުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ ޞިއްޙީ ޙާލަތާ ގުޅިގެން ގެއަށް ބަދަލުކޮށްފައިވާ މީހަކު އަލުން ޖަލަށް ގެންދިޔުމުގެ ކުރިން "ޤައިދީ ނުވަތަ ބަންދު މީހާގެ ޞިޙީ ޙާލަތު ކަށަވަރު ކުރުމަކީ އިންސާނީ ޙައްޤުގެ ނަޒަރިއްޔާތުން ބަލާނަމަ މުހިންމު ކަމެއް" ކަމަށް އެކޮމިޝަނުން ދެކޭ ކަމަށެވެ.

ޤައިދީއެއްގެ ޞިއްޙީ ޙާލަތު ގޯސްވެ ވަކިގޮތަކަށް ޢަމަލު ކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވައިފިނަމަ އެއާ އެއްގޮތަށް ޢަމަލު ކުރުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޒިންމާއެއް ކަމަށް ވެސް އެޗުއާރުސީއެމުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުމަށް ފުލުހުންގެ އިދާރާއަށް ނަކަލު ކުރުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު 4 ވަނަ ދުވަހު ކަރެކްޝަނަށް އެންގުމެއް އެންގެވި ކަމަށްވެސް އެޗުއާރުސީއެމުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެ އެންގުމާ އެއްގޮތަށް "އަކުރުން އަކުރަށް ޢަމަލު ކުރުމަކީ މުސްތަޙީލު ކަމެއް ކަމަށް" ކަރެކްޝަނުން ވަނީ ނޮވެމްބަރު 6 ވަނަ ދުވަހު އެ ކޮމިޝަނަށް ޖަވާބު ދެއްވައިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަދީބުގެ ޞިއްޙީ ޙާލަތު ގޯސްވެ ނޮވެމްބަރު 10 ވަނަ ދުވަހު އައިޖީއެމްއެޗުގައި ފަރުވާ ދެއްވަން ފަށްޓަވައިފައިވަނީ އެމައްސަލަ ދިރާސާ ކުރައްވަމުން ގެންދަވަނިކޮށް ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދީބުގެ މިހާރުގެ ޙާލަތާމެދު އެމަނިކުފާނުގެ ޢާއިލާއިންނާއި އެމްޓީޑީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރުވެސް އައިޖީއެމްއެޗުގައި ގެންދަވަނީ އަދީބަށް ފަރުވާ ދެމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.