ސީރިޔާގެ ރައީސު ބައްޝާރުލް އަސަދުގެ ވެރިކަން ބަދަލުކުރުމަށް ހަނގުރާމަކުރި ފަރާތްތަކަށް އެހީވަމުން އައި ގިނަ ގައުމުގެތަކުގެ ސިޔާސަތު ބަދަލުވެ، އަސަދުގެ ސަރުކާރާ ގުޅުން ބަދަހިކުރަން މަސައްކަތްކުރަމުންދާ ކަމުގައި އިނގިރޭސިވިލާތުގައި ނެރޭ ނޫހެއް ކަމުގައިވާ ސަންޑޭ ޓައިމްސް އިން ބުނެފިއެވެ.
މެދުއިރުމަތީގައި މަސައްކަތްކުރާ އިނގިރޭސި ބައެއް ޑިޕްލޮމޭޓުންނާ ހަވާލާދީ އެ ނޫހުން ޚަބަރުދޭ ގޮތުގައި ގިނަ ގައުމުތަކެއްގެ އެންބަސީތައް ވަރަށް އަހަވަހަށް ސީރިޔާގެ ވެރިރަށް ދިމިޝްޤުގައި އަލުން ހުޅުވަން ފަށާނެއެވެ.
އިނގިރޭސިވިލާތުންވެސް ބައްޝުލް އަސަދު ވެރިކަން ދޫކުރައްވަން ޖެހޭނެ ކަމަށް ކުރިން ބުނި ނަމަވެސް އެގައުމުގެ ވާހަކައިގެ ރާގުވެސް މިހާރު ވަނީ ބަދަލުވެފައެވެ. ފާއިތުވި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވެފައި ވަނީ އަސަދު ވެރިކަމުގައި ދެމިހުންނަވާނެ ކަމުގައެވެ.
އަރަބި ގައުމުތަކުގެ ތެރެއިން ޔޫއޭއީއާއި ބަހުރޭނުން ވަނީ އެގައުމުތަކުގެ އެންބަސީތައް ދިމިޝްޤުގައި އަލުން ހުޅުވާނެކަން އިއުލާންކޮށްފައެވެ. އަނެއްކޮޅުން ސައޫދީ އަރަބިއްޔާއިން ލިބޭ ޚަބަރުތައް ބުނާގޮތުގައި އެގައުމުގެ އެންބަސީވެސް މިއަހަރުގެ ކުރީކޮޅު ދިމިޝްޤުގައި ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަރަބި ލީގުގެ މެންބަރުކަމުން ސީރިޔާ ވަކިކޮށް، އަސަދުގެ ސަރުކާރާ ހުރިހާ ގުޅުމެއް ކަނޑާލުމަށް ފަހު މިހާރު އަރަބި ގައުމުތަކާއި ގުޅުން ރަނގަޅުވަމުން އަންނަ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ސޫދާނުގެ ރައީސު ޢުމަރު އަލްބަޝީރު ދާދި ފަހުން ދިމިޝްޤަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ފާއިތުވި އަށް އަހަރު ބައްޝާރުލް އަސަދުގެ ސަރުކާރު އެކަހެރިކޮށްފައި ވީނަމަވެސް، ދާޚިލީ ހަނގުރާމައިގައި ރަޝިޔާގެ އެހީތެރިކަމާއެކު އަސަދު ވެރި ކުރިން އެރުން ހޯއްދަވާފައެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ ސިފައިން ސީރިޔާއިން ބޭލުމަށް ނިންމަވާފައެވެ. އެހެންކަމުން، އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ނުވާނެ ކަމެއްކަމަށް ގަބޫލުކޮށް ގައުމުތަކުގެ ސިޔާސަތު ބަދަލުކުރަމުން ދަނީއެވެ.
މިމަހު ފަހުކޮޅު ބޭރޫތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި އިގްތިސާދީ ސަމިޓުގައި ސީރިޔާ ބައިވެރިކުރުމަށް އަރަބި ގައުމުތަކުން މަސައްކަތްކުރަމުން ދާއިރު، އަންނަ މާރިޗު މަހު ޓިއުނިސްގައި ބާއްވަ އަރަބި ސަމިޓުގައިވެސް ސީރިޔާ ބައިވެރިކުރުން އެކަށީގެން ވެއެވެ.
ސީރިޔާ ސަރުކާރާ ގައުމުތަކުން ގުޅުން ބަދަހިކުރި ނަމަވެސް، ސީރިޔާގެ ސުންނާފަތިވެފައިވާ ރަށްތައް އަލުން ބިނާކުރުމަށް ބޭނުންވާ 400 ބިލިއަން ޑޮލަރު ހޯދާނެ ގޮތް އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ.