ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުގެ ދަށަށް ބަދަލު ކުރައްވައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ ޖަމިއްޔާތަކާ ބެހޭ ހުރިހާ މަސައްކަތްތަކާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ބެހޭ މަސައްކަތްތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޖެނިއަރީ ދެވަނަ ދުވަހުން ފެށިގެން އެމިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވައިފައި ކަމަށެވެ. އެހެންކަމުން ޖަމިއްޔާތަކާ ބެހޭ މަސައްކަތް މިއަދުން ފެށިގެން ކުރާނީ އެމިނިސްޓްރީން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޖަމިއްޔާތަކާ ބެހޭ ކަންކަން މީގެ ކުރިން ބަލަހައްޓަވަމުން ގެންދެވީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވައި ލުމާއި ރެގިއުލޭޓް ކުރުން ހިމެނެއެވެ.
ނޫސް މަޖައްލާފަދަ ތަކެތިވެސް ރަޖިސްޓްރީ ކުރުމާއި އުވައިލުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވަނީ ހޯމް މިނިސްޓްރީންނެވެ.