ވެނެޒުއެލާގެ ރައީސު ނިކޮލަސް މަޑޫރޯ މި ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ރައީސުކަމުގެ ދެވަނަ ދައުރަކަށް ހުވައިކުރެއްވިޔަސް، އޭނާއަކީ އެގައުމުގެ ރައީސުކަމުގައި ދެން ބަލައިނުގަންނާނެކަމަށް ދެކުނު އެމެރިކާގެ ގިނަ ގައުމުތަކުންނާއި ކެނެޑާއިން ބުނެފިއެވެ. އެގައުމުތަކުން މަޑޫރޯއަށް ގޮވާލާފައި ވަނީ ދެވަނަ ދައުރަކަށް ހުވައިނުކުރައްވައި މަގާމުން ދުރުވެވަޑައިގަތުމަށެވެ. އަދި ވެނެޒުއެލާގެ ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި އަލުން އިންތިޚާބު ބޭއްވުމަށް ފުރުސަތުދެއްވުމަށެވެ.
ވެނެޒުއެލާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައި، އެގައުމުގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެހީތެރިވުމުގެ މަގުސަދުގައި 2017 ވަނަ އަހަރު އުފެއްދި 'ލީމާ ގްރޫޕް' ގައި ހިމެނޭ ގައުމުތަކުން ޕެރޫގެ ވެރިރަށް ލީމާގައި ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު އެ ޖަމާއަތުން ބުނެފައި ވަނީ ނިކޮލަސް މަޑޫރޯގެ ހަރުކަށި ސޯޝަލިސްޓު ސަރުކާރު ދެވަނަ ދައުރަކަށް ވެރިކަމާއި ހަވާލުވުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމުގައެވެ. އަދި މިކަމަށްޓަކައި ބައިނަލް އަގްވާމީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށްވެސް އެ ޖަމާއަތުން ވަނީ ނިންމާފައެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ވެނެޒުއެރާގެ އިގްތިސާދު ވަނީ މަޑޫރޯގެ ވެރިކަމުގައި ބޮއްސުންލައިގެން ގޮސްފައެވެ.
ލީމާ ގުރޫޕުގައި ހިމެނެނީ ދެކުނު އަދި މެދުތެރޭ އެމެރިކާގެ ގައުމުތައް ކަމުގައިވާ އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލޮމްބިއާ، ކޮސްޓަރީކާ، ގުއަޓިމާލާ، ހޮންޑިއުރާސް، މެކްސިކޯ، ޕެނެމާ، ޕެރެގުއޭ، ގުޔާނާ އަދި ސޭންޓް ލޫޝިޔާ އިތުރަށް ކެނެޑާއެވެ. އިއްޔެގެ ބައްދަލުވުމުގައި މެކްސިކޯއިން ބައިވެރިވެފައި ނުވެއެވެ.
ލީމާގައި ބޭއްވި ބައްދަލުވުމުގެ ނިންމުން އިއުލާންކުރުމުގެ ކުރިންވެސް މަޑޫރޯގެ ސަރުކާރުން ވަނި އެބައްދަލުވާ ދެކޮޅަށް ހަރުކަށި އިބާރާތުން ވާހަކަ ދައްކާފައެވެ. މަޑޫރޯ ސަރުކާރުގެ ޚާރިޖީ ވަޒީރު ޖޯޖް އަރެއާޒާ ވިދާޅުވެފައި ވަނީ އެބައްދަލުވުމަކީ ސީދާ އެމެރިކާގެ އެންގުމަށް، އެމެރިކާއިން އެދޭ ނިންމުންތަކެއް ނިންމަން ބޭއްވި ބައްދަލު ވުމެއްކަމުގައެވެ.
"ތިޔަދައްކާލީ ނިކަމެތި ގޮތުގައި އަޅުވެތިވުމުގެ ހާދަ ރީތި ނަމޫނާއެކެވެ." އޭނާ ވިދާޅުވެފައި ވެއެވެ.
ރައީސު މަޑޫރޯ ވަނީ އިދިކޮޅުން ކޮންޓްރޯލުކުރާ ވެނެޒުއެލާގެ ގާނޫނުހަދާ މަޖިލީހުގެ ބާރު ކަނޑުވާލައި، އޭނާއަށް ތާއީދުކުރާ ވަކި މަޖިލީހެއް އުފައްދަވައި، އޭނާ ބޭނުންފުޅު ގޮތަކަށް ގައުމުގެ ކަންކަން ކުރައްވަން ފައްޓަވާފައެވެ. އެހެންކަމުން، ފާއިތުވި މޭ މަހު އޭނާ ދެވަނަ ދެއުރަކަށް އިންތިޚާބުވެވަޑައިގަތީ އިދިކޮޅު ޕާޓީތަކުން ބައިވެރިނުވާ އިންތިޚާބަކުން ކަމުގައި ވާތީ، ގިނަ ގައުމުތަކަކުން ވަނީ ދެވަނަ ދައުރަކަށް މަޑޫރޯ ވެނެޒުއެލާގެ ރައީސުގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.