ސައުވީސް މީހުން ތިބި ސަފާރީއެއް ދިޔަވަނީ

ފުލިދޫ ކަނޑުން ދަތުރުކުރަމުން އަންނަ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިމާއަށް ލޯންޗެއް ފޮނުވައިފިއެވެ.

ސާފާރީ ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 11:20 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ސަފާރީއަކީ ވ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުންދާ ސަފާރީއެކެވެ. އޭގައި 16 ފަތުރުވެރިންނާއި 8 ފަޅުވެރިން ދަތުރުކުރެއެވެ. އެ ސަފާރީން މިހާރު ގެންދަނީ ފިހާޅޮހި ރިސޯޓުގެ އުޅަނދެއްގެ އެހީތެރިކަން ހޯދަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިޙާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމުން ދިޔަ ހިއްކާނެ ޕަންޕާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެސަރަހައްދަށް ދިޔަ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާރު ސަފާރީ ދިޔަވުން ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ސަފާރީ ދިޔަވާން ފެށީ ސަފާރީގެ ދިރުނބާކޮޅުގެ ބައެއް ލަކުޑިތައް ފީވެ ފަޅައިގެންގޮސްގެންކަމަށް އޭގެ ކެޕްޓަނާ ޙަވާލާދީ އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި ސަފަރީގައި ބޭނުންކުރާ ދެ ޖަނަރޭޓަރު ވަނީ ފެއިލް ވެފައިވާކަމަށް ވެސް ކެޕްޓަން ކޯސްޓްގާޑަށް މަޢުލޫމާތު ދިން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރިހިވެލި ބީޗް ރިސޯޓާއި ފިހާޅޮހި އައިލެންޑް ރިސޯޓްގެ ލޯންޗެއް ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިހާރު މި ސަފާރީ އޮތީ ރިހިވެލި ބީޗް ރިސޯޓް ކައިރީ ފަޅެއްގައި އަޅައިފައެވެ.

ރާއްޖޭގެ ދެކުނުގެ ސަރަޙައްދަށް މޫސުން ގޯސްވެ ކަނޑުތައް ވަރަށް ގަދަކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.