ވިސާއާ ނުލައި ދިވެހިންނަށް ޔޫއޭއީއަށް ދަތުރުކުރެވޭނެގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން މިގޮތަށް ހަމަޖެހުނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ ދަތުރުފުޅުގައި އެއްބަސްވެފައިވާ ފަދައިން މާދަމާއިން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް އެޤައުމަށް ދަތުރުކުރެވޭނީ މާދަމާއިން ފެށިގެންނެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދް ޚަލީލް މިއަދު ވިދާޅުވެފައިވަނީ ޔޫއޭއީއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި އެކަން އެއާލައިންތަކަށް ވެސް އަންގައިފައިވާ ކަމަށެވެ.
ޚަލީލް ވިދާޅުވީ ޔޫއޭއީއަށްދާން ދިވެހިންނަށް އެއްމަސްދުވަހުގެ ފްރީ ވިސާ ލިބޭނެ ކަމަށެވެ. ހުރިހާ ދިވެހިންނަށް އެގޮތަށް ހަމަޖެހިގެންދިއުމުން އޭގެ ފަސޭހަކަން ދިވެހިންނަށް ވަރަށްބޮޑަށް ލިބިގެންދާނެ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
ޔޫއޭއީގެ އިތުރަށް އެހެން ޤައުމުތަކަށް ވެސް ވިސާއާ ނުލައި ދަތުރުކުރެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.