ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޙައްޤުނޫން ބަޔަކަށް ފުލެޓުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ޢަމަލުކުރައްވާނީ އެކަން ބެލުމަށް އެކުލަވާލައްވައިފައިވާ ކޮމިޓީން ނިންމަވާ ގޮތެއްގެ މައްޗަށް ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރ އަތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މިއަދު ވިދާޅުވީ މިހާރު މަޑުކުރައްވަނީ އެކޮމިޓީގެ ލަފައަކަށް ކަމަށެވެ. އެކަން ނިންމާނީ އެ ކޮމިޓީން ދެއްވާލަފައެއްގެ މައްޗަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕޭނުގައި ވިދާޅުވެފައިވަނީ ނުޙައްޤުން ފުލެޓުދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށެވެ.
މި ސަރުކާރުން ވިދާޅުވެފައިވަނީ ނުޙައްޤުން ފުލެޓުދިން މައްސަލަ ބެއްލެވުމަށްފަހު ހަމަހަމަ އުސޫލުން ފުލެޓު ދެއްވާނެ ކަމަށެވެ.
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ފުލެޓުތައް ދީފައިވަނީ ހަމަހަމަ އުސޫލުން ކަމަށެވެ. އެކަން ބަދަލުކޮށް ފުލެޓު ލިބިފައިވާ މީހުންގެ އަތުން ފުލެޓު އަތުލައިފިކަމަށްވާނަމަ އެއީ ނާއިންސާފެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ އާތިފާ މިއަދު ވިދާޅުވީ ފުލެޓުތައް ނާއިންސާފުން ދިންކަމަށް ބުނާ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލައްވައިފައިވާ ކޮމިޓީގެ މަޢުލޫމާތު ދެ ދުވަހެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށެވެ. އެކޮމިޓީއަށް މިނިސްޓްރީން ދެއްވަންޖެހޭ އެއްބާރުލެއްވުން ފުރިހަމައަށް މިހާރުވެސް ދެއްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މިނިވަން ކޮމިޓީއެކެވެ. މިނިސްޓްރީ އެއްބާރުލެއްވުން ދެއްވާނީ އެކޮމިޓީން އެދިވަޑައިގަންނަވާ ކަންކަމުގައި އެކަންޏެވެ.
ކުރީ ސަރުކާރުން ފުލެޓު ދިނުމަށް ހޮވައިފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ލިޔުންވެސް ޙަވާލު ކުރެވިފައެއް ނުވެއެވެ. ލިޔުން ޙަވާލުނުކުރެވިފައިވާ ފަރާތްތަކުގެ ކަންކަން ވެސް ނިންމާނީ ކޮމީޓިގެ ލަފައަށްފަހު ކަމަށް އާތިފާ ވިދާޅުވިއެވެ.