އެމްޓީޑީ ގެ އިންތިޤާލީ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީ، އެމްޓީޑީ ގެ އިންތިގާލީ މަރުޙަލާގެ ރައީސަކަށް ކުރީގެ ނައިބް ރައީސް އަޙްމަދް އަދީބު ހަމަޖައްސަވައިފިއެވެ. އެމްޓީޑީ އިން މިރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޕާޓީގެ ސީނިއަރ ނައިބް ރައިސް އިސްމާޢީލް އާސިފް ހާމަކުރި ގޮތުގައި ޕާޓީގެ އިންތިގާލީ ރައީސަކަށް އަދީބް އައްޔަންކުރެއްވީ ޕާޓީގެ ކައުންސިލްގެ އަޣުލަބިއްޔަތުން ކަމަށެވެ.

އާސިފް ވިދާޅުވިގޮތުގައި އަދީބު އައްޔަން ކުރެއްވީ ގާނޫނީ ލަފައާއެކު ކަމަށެވެ. "އަދީބު އައްޔަން ކުރުމުގެ ކުރީން އަޅުގަނޑުމެން ޤާނޫނީ ލަފައެއް ހޯދާލީ، ޤާނޫނީ ގޮތުން އަމިކަން ކުރެވޭނެތޯ. ޤާނޫނުގައެއް ނޯވޭ އިންތިޤާލީ މަރުޙަލާގަ އަޅުގަނޑުމެންނަށް އެޕޮއިންޓް ނުކުރެވޭނެ ކަމަކަށް"، އާސިފް ވިދާޅުވިއެވެ.

ޕާޓިގެ ފަރާތުން ވަނީ މީޑިއާ އާއި އާއްމުން ކިޔަމުންދާ ފާޑުކިއުންތަކަށްވެސް ރައްދު ދީފައެވެ. އެގޮތުން ބައެއް ޕާޓީ ތަކަށް މީހުން ވައްދަން ކުރާ އެންމެ ބޮޑު ކަމަކީ މީހުންނާ ދިމާއަށް ފާޑުފާޑުގެ އެއްޗެހި ކިޔައި ވަގަށް ގޮވައި، އަދި ޕާޓީ އާއި ގުޅޭ ތަނުން ވަގުތުން އެމީހަކު ރަނގަޅުވާކަމަށެވެ. ނަމަވެސް މީހުންނަށް ފުރައްސާރަކޮށްގެން މަލާމާތް ކޮށްގެން ޕާޓީއަށް ވެއްދުމަކީ އެމްޓީޑީގެ ސިޔާސަތެއް ނޫންކަމަށެވެ. 

ޕާޓީގެ ނައިބް ރައީސަކަށް ކުރިން ޢައްޔަންކޮށްފައިވާ ޔާމީން ރަޝީދު ވިދާޅުވީ އަދީބަކީ ރާއްޖެ މިދެކޭ ތަރައްޤީގެ އެއް ޙިއްސާދާރުކަަމަށެވެ. އަދި އަދީބުގެ ލިޑަރޝިޕްގެ ދަށުން ޕާޓީ ވަރަށް ހަލުވި ކަމާއެކު ހިނގައިގަންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އަދީބަކީ ރާއްޖޭގެ ތާރީޚުގައި މަތީ މަޤާމްތަކެއް އަދާކޮށްފައިވާ މީހެއް ކަން ވެސް ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ ހަމައާއި އިންސާފުން ޝަރީޢަތެއް ކޮށްފިނަމަ އަދީބުގެ މައްޗަށް އެއްވެސް ކުށެއްގެ ތުހުމަތު ވެސް ރައްދުނުވާނެ ކަަމަށް ޔާމީން ރަޝީދު ވިދާޅުވިއެވެ. އަދި ޕާޓީ އިން އެންމެ އިސްކަމެއް ދެއްވާނީ އަދީބުގެ މައްޗަށް އިންސާފުވެރި ޝަރީޢަތެއް ހޯދައިދިނުން ކަމަށް ޔާމީން ވިދާޅުވިއެވެ.  

އާސިފް ވިދާޅުވި ގޮތުގައި އެކެއް ފެބްރުއަރީގެ އަމުރުގެ ދަށުންވެސް މިނިވަން ނުވާ ހަމައެކަނި ބޭފުޅަކީ އަދީބެވެ.  އަދި އަދީބަށް މުއްދަތު ޖަހައި ޝަރީޢަތް ކުރެވިފައިވަނީ ދޫނިދޫ ޖަލުގައި ކްރިމިނަލް ކޯޓު ބޯޑު ޖަހައިގެން ކަމަށް ވިދާޅުވިއެވެ. އޭނާ ފާހަގަކުރި ގޮތުގައި އެއީ ރާއްޖޭގައި މިހާތަނަށް ދުވަހަކުވެސް އެއްވެސް ޒަމާނެއްގައި މީހެއްގެ ޝަރީޢަތް އެގޮތަށް ކުރެވިފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި އަދީބާ ހަަމައިން ކޮންމެ ކަމެއްވެސް ބޮޑު މައްސަލައަކަށްވެ އެއްވެސް މަސައްކަތެއް ކުރުމުގެ ޖާގަ ނެތް ކަމަށް އާސިފް ވިދާޅުވިެއވެ.

"އަދީބު ވެއްޖެއްޔާ ގޭގަ ހުރެގެން ސިޔާސީ ޕާޓީއެއް ހެދުމުގެ ޖާގައެއްވެސް ނެތް. އަދީބުވެއްޖެއްޔާ އެއްޗެއް ޓުވީޓުކޮށްލުމުގެ ޖާގައެއްވެސް ނެތް. އަދީބުވެއްޖެއްޔާ އެއްވެސް ކަމެއް ކުރުމުގެ ޖާގައެއް ނެތް. އެހެނެއްނޫން. ރާއްޖޭގައި މިހާރު އަތް ފުޅާކޮށްފަ މަގުމަތީގަ ހިންގާ ހުރިހާ ސިޔާސީ ބޭފުޅުންނަކީ އެބެފުޅުން ޖަލުގައާއި އެހެން ތަންތަކުގަ ތިއްބަވައިގެން ސިޔާސީ މަސައްކަތް ވަރަށް ބޮޑަށް ކުރެއްވި ބޭފުޅުން." ކަމަށް ވިދާޅުވިއެވެ.

އާސިފްވަނީ މިހާރު ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން އަބްދުﷲ އަށް ވެސް ފާޑުވިދާޅުވެފައެވެ. ކޯލިޝަން އެގްރީމެންޓްގަ ސޮއެ ކުރެއްވިއިރު ޝައިޚް ޢިމްރާން ހުންނެވީ ގޭބަންދުގައި ކަން ފާހަގަކުރެއްވިއެވެ. އެހްނކަމުން ސަރުކާރުގަ ތިއްބަވައިގެން އެފަދަ ވާހަކަ ދައްކަވާތީ ލަދުގަންނަ ކަމަށް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ޕާޓީގެ އެދުމަކީ ޕާޓީގެ ރައީސަށް އިންސާފު ގާއިމުކޮށްދިނުން ކަމަށެވެ. އަދި ދޫނިދޫ ޖަލުގައި ކްރިމިނަލް ކޯޓުގެ ނަން  ބޯޑު ޖަހައިގެން ހިންގެވި ޝަރީޢަތާއި އިއްވެވި ޙުކުމް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ މައްސަލަތަކުގައި ތުހުމަތު ކުރެވުނު ބޭފުޅާ މިނިވަންކޮށް ހުންނަވާ އިރު އެމްޓީޑިގެ ލީޑަރު ގޭބަންދުގައި ހުންނަވާތީ ހިތާމަކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު މިހުންނަވަނީ ގޭ ބަންދުގަ. މިހުރިހާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއްވި ބޭފުޅާ އެހުންނަވަނީ ގޭގަ. އެބޭފުޅާގެ އެކައުންޓުގަ ލާރިވެސް ހުރީ. އެ ބޭފުޅާ އަށް ހުރިހާ ތުހުމަތެއްވެސް ކުރީ. އެކަމަކު އެބޭފުޅާ މިހުންނަވަނީ މިނިވަން ކަމާއެކު ގޭގަ. އަޅުގަނޑުމެންގެ ލީޑަރު މިހުންނަނީ ގޭބަންދުގަ"، އާސިފް ވިދާޅުވިއެވެ.

އާސިފް އިތުރަށް ވިދާޅުވީ މިހާރުން މިހާރަށް އަދީބު ދޫކޮށްދެއްވުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި ނަަމަވެސް އިންސާފުން ތަހުގީގު  ކޮށްދެއްވައި އިންސާފު ގާއިމުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލަ އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤަައްޔޫމް އަވަހާރަކޮށްލަން ރޭވުން ފަދަ ބޮޑެތި ތުހުމަތު ތަކެއްވަނީ ކުރެވިފައެވެ. މިހާރުވެސް ބައެއް ކުށްތައް ސާބިތުވެ އޭނާގެ މައްޗަށް 33 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދީބު ގޭ ބަންދަށް ބަދަލުކުރައްވާފައިވަނީ ކިޑްނީގައި އުފެދުނު ހިލަ ނައްތާލުމަށް ކުރެވުނު ސާޖަރީ އަށް ފަހު ޑޮކްޓަރުގެ ލަފާގެ މަތީންނެެވެ. ގޭގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާތީ ގިނަބަޔަކު ދަނީ އަދީބަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.