ތިދެންނެވި ސުއާލު ރަނގަޅެއްނޫން

ދިވެހިބަހަކީ ރީއްޗާއި ހުތުރުން ، މޮޅާއިދެރައިން މާނަކޮށްދޭ މާނަވީ އެތައް ބަސްތަކެއް އޮތް ރިވެތި ، މޫރިތި ، މުއްސަނދި ބަހެކެވެ. އެއީ ދިވެހިންގެ މާދަރީބަހެވެ. ދިވެހިބަހުން ވާހަކަދައްކާ އެންމެންނަކީވެސް ބަސްދަސްކޮށް ، ކުށެއްނުލައި ވާހަކަދައްކަން އެނގޭ މީހަކަށް ވާން ޖެހެއެވެ. އެއީ ދިވެއްސެއްކަން އަންގައިދޭނެ މިންގަނޑެކެވެ. ޚާއްޞަކޮށް ، ދިވެހިބަހުން ޚަބަރުކިޔާ ، ޚަބަރާއި ލިޔުން ލިޔާ މީހުންނާއި ، ތަޤްރީރާއި ސުއާލަށް ޖަވާބުދޭ މީސްމީހުން ބަހަށް އަހުލުވެރިވުމީ ކޮންމެހެންވެސް ކުރަން ޖެހޭކަމެކެވެ. އެކަން އެގޮތަށް ކުރަންޖެހެނީ ބަހުގެ ހަމަތައް ހިފަހައްޓައި އޭގެ އެންމެ ފުރިހަމަގޮތުގައި ބަސް ދިރުވައި އާލާކުރުމަށްޓަކައެވެ. އަންނަން އޮތް ޖީލުތަކަށް ބަސް ، އޭގެ އެންމެ ފުރިހަމަގޮތުގައި ރައްދުކޮށްދިނުމަށްޓަކައެވެ. ކުރިން މިދެންނެވި މީސްމީހުންނަކީ އަދި އެމީސްމީހުން މުއާމަލާތުކުރާ ތަކެއްޗާއި ވަސީލަތަކީ ،  ބަސް އޭގެ ފުރިހަމަގޮތުގައި މުސްތަޤްބަލަށް ވާސިލުކޮށްދިނުމަށް ބޭނުންކުރެވޭ މެދުވެރިއެކެވެ.

އެހެން ބަސްބަހެކޭ އެއްގޮތަށް ، ދިވެހިބަހަކީވެސް އެކި މުނާސަބަތަށް ތަފާތުކޮށް ބޭނުންކުރެވޭ ބަހެކެވެ. މިސާލެއްގެ ގޮތުގައި ދަންނަވާނަމަ ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ ވަޒީރަކު ނުވަތަ އެފެންވަރުގެ އެހެން ބޭފުޅަކު ، ޚަބަރަށް ދެއްވާ މަޢުލޫމާތެއްގައި ރިޕޯޓަރުން ކުރާ ސުއާލަށް ޖަވާބުދެއްވާއިރު ޢާންމުކޮށް ބޭނުންކުރެވެމުންދަނީ ރީތިބަހެވެ. ބަހުގެ މާތްގޮތުގައެވެ. މީހާގެ މަޤާމާއި ހައިބަތު ބޮޑުވެގެންވާ ވަރަކަށް އެކަން އޮންނަންޖެހެނީ އެގޮތަށެވެ. އެފަދަ މަޤާމެއްގައި ހުތުރުބަހުން ނުވަތަ އާދައިގެބަހުން ވާހަކަ ދައްކާނަމަ ، އޭނާގެ މަޤާމަށް އަދި ހައިބަތަށް އުނިކަން އަންނާނެއެވެ. އަދި ތަޞައްވުރަށްވެސް ނޭދެވޭ އަސަރުކުރާނެއެވެ. އޭނާގެ އަގު ، ބަހަށް ލޯބިކުރާމީހުންގެ ކުރިމަތީ ވެއްޓޭނެއެވެ. އެހެނީ އެއީ ، ވާހަކަދައްކަން ނޭނގެނީއޭ ، ދިވެހިބަހަށް ނުފަރިތައީއޭ ބުނެ ދޫކޮށްލެވޭވަރަށްވުރެ މަތީ މަޤާމެއްގައި ހުރި މީހަކަށްވާތީއެވެ.

ޝުރުޚީގައި ލިޔެފައިވާ ތިދެންނެވި ސުއާލު ، އެއީ މިހާރަކަށްއައިސް ވަރަށްގިނައިން ޓީވީތަކުން އިވޭ އަޑެކެވެ. ދައުލަތުގެ އެންމެމަތީ ވެރިޔާއިން ފެށިގެންގޮސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބައެއްބޭފުޅުންނަށް ބޭނުންކުރެއްވޭ ކުށްބަހެކެވެ. ތިދެންނެވި ސުއާލުވެސް ރަނގަޅުވާ ހަމަޔަކާއި މުނާސަބަތު ހުރެއެވެ. އެކަމަކު ، އަޑުއިވެނީ މުނާސަބުނޫން ގޮތްގޮތަށެވެ. މިސާލަކަށް ، ގިނަބަޔަކުތިބޭތަނެއްގައި ޚާއްޞަ ވަކިމީހަކަށް ސުއާލު އަމާޒުކުރެވޭ ހާލަތްތަކުގައި ، ، ސުއާލުކުރާމީހާއަށް އަމާޒުކޮށް އެޖުމްލަ ބޭނުންކުރެވިދާނެއެވެ “ ސުއާލު އަމާޒުކުރި މީހާއަށް ތިދެންނެވި ސުއާލަކީ މުހިންމު ސުއާލެއްނޫނޭ “ އޭގެ ތެރެއިން އެކަކަށް ބުނެލެވިދާނެއެވެ. އެހެނަސް އޭގެވެސް އެންމެ ރަނގަޅުގޮތަކަށް ވާނީ “ތިދެންނެވި” ބޭނުން ނުކޮށް “ތިކުރެއްވި” ބޭނުން ކުރުމެވެ. އެއީ އެއްވެތިބިމީހުން ، ސުއާލު އަމާޒުކުރި މީހާއަށް ނިސްބަތްކޮށް އެކަކު އަނެކަކަށްވެސް އަދި ސުއާލު އަމާޒުވާ މީހާއަށްވެސް ކުށެއްނެތި ބޭނުންކުރެވިދާނެ ބަހެއްކަމަށްވާތީއެވެ.

ކޮންމެއަކަސް ، ސުއާލެއްކޮށްލީމަ ވަކިފެންވަރެއްގެ މީހަކު ، ތިދެންނެވި ސުއާލޭކިޔާފަ ވާހަކަ ދައްކަން ފެށުމީ ވަރަށް ހުތުރު އާދައެކެވެ. އޭރަށް އެމީހާއަށް އެވާހަކަ ދެއްކެނީ އޭނާގެ އަމިއްލަ ނަފުސަށް ރީތިކޮށް ރީތިބަހުންނެވެ. އެކަން އެގޮތަށް ފާހަގަކުރެވޭ އެންމެންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓޭނެއެވެ. މިއީ އެއްވެސް މީހަކަށް މާބޮޑުކަމަކަށް ނުވިޔަސް ، ބަހުގެ އަހުލުވެރިންގެގާތުގައި ވަރަށްބޮޑު ކަމެކެވެ. ބަސް ހަލާކުވެގެންދާތީއެވެ. އަޑުއަހާމީހުންނަށް އަހާލަން އައިބުވާތީއެވެ. ކަންފަތަށް އިވުނީމަ އުނދަގޫ ވާތީއެވެ. އަދި އެއަށްވުރެވެސްބޮޑަށް ، ބަސްދަސްކުރަމުން އަންނަ މީހުންނަށާއި ބަހުންވާހަކަދައްކަން ފަހުން އަންނަންތިބި މީހުންނަށް ނުހަމަގޮތެއްގައި ބަސް ވާޞިލުކޮށްދެވޭތީއެވެ.

އިނގިރޭސިބަހުން ވާހަކަދައްކާ މީހަކު ، މިކިޔާ “ބްރޯކަން އިންގްލިޝް” އިން ވާހަކަދައްކައިފިނަމަ ، ބައެއްމީހުން އެވާހަކަ ދެއްކިމީހާއަށް މަލާމާތް ކުރާނެއެވެ. ނުވަތަ އޭނާގެ ފެންވަރާއި ދަރަޖަ ދެނެގަންނާނެއެވެ. ކިތަންމެ ރުފިޔާގިނަ މީހަކަސް ، އެކަން އޮންނާނީ އެގޮތަށެވެ. މާ ރުފިޔާ ގިނަމީހަކު ނުވަތަ އެނޫންމީހަކުވިޔަސް ، އެފަދަގޮތަކަށް ވާހަކަ ދައްކައިފިނަމަ ،ދިމާއަށް އެއްޗެކޭ ނުބުނެ ތިބެދާނެއެވެ. އެހެނަސް އެމީހާ ނެތްތަންތާނގައި ހަޖޫކިޔުމާއެކު  މަލާމާތްކުރާނެއެވެ. ހަމަ އެބީދައިން ، ދިވެހިބަހުން ބަސްއޮޅުވާލައިގެން މީހަކު ވާހަކަ ދެއްކިޔަސް ، ބައެއްމީހުން އެމީހަކަށް ހަޖޫކިޔައި މަލާމާތްކުރާނެއެވެ. އޭގެ ތަފާތަކީ ދިވެއްސަކު އިނގިރޭސިބަހުން ބަސްއޮޅުވާލައިގެން ވާހަކަ ދެއްކިޔަސް ، ދިވެއްސަކު ދިވެހިބަސް އޮޅުވާލައިގެން ވާހަކަދެއްކީމަ އެއަންނަ ތަފާތެވެ.

ތިދެންނެވި ސުއާލު ، އަޑުއިވިއިވި މިހާރު މިއޮތީ އެއީ ކުށެއްނޫނޭ ހީވާ ހިސާބުގައެވެ. ޤައުމިއްޔަތު ދިރުވައި އާލާކޮށް ސަޤާފަތު ދެމެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުއަޅުއްވައިގެން ތިއްބެވި ، ދައުލަތާއި ސަރުކާރުގެ އިސްވެރިން ، އެކުށްބަސް ބޭނުން ކުރުން މާގިނައީއެވެ. ބައެއްފަހަށް ، ތިދެންނެވި ސުއާލުގެ ޖަވާބުގައި އަޅުގަނޑު ވިދާޅުވާނީ އޭވެސް ކިޔޭއަޑު މަދުންނަމަވެސް އިވެއެވެ. ހަމަ ހީވެސްނުލައެވެ. ބައެއްމީހުންނަށް އެއީ ކުށްގޮތެއްކަން ރޭކާލާ ހިސާބުން އަވަސް އަވަހަށް ރަނގަޅުކޮށްލައެވެ. އެހެނަސް ، ގިނައީ އެވަރުވެސް ނުވާ ވެރިންނެވެ.

ރީތިކޮށް ވާހަކަ ދައްކަންޖެހޭފަދަ މަޤާމުތަކަށް އިޚުތިޔާރު ކުރެވޭ ނުވަތަ އިންތިޚާބުކުރެވޭ މީހުންނަށް މަޤާމުލިބުމަށްފަހު ، ދިވެހިބަހަށް އަހުލުވެރިކުރުވުމަށް މަސައްކަތްތަކެއްކުރަން އެބަޖެހޭ ހީވާހިސާބަށް މިކަން އެބަ ދެއެވެ. ޚަބަރުލިޔާ އަދި ޚަބަރުކިޔާ މީހުންނަށް ރީތިބަހުން ލިޔެ ވާހަކަދައްކަން ދަސްކޮށްދޭން އެބަޖެހެއެވެ. މިކަމުގެ މަސްއޫލިއްޔާތާއި ވާޖިބަކީ ،  ގައިމު މިއޮއްބޮޑު ދިވެހި ސަރުކާރުގެ ކޮންމެވެސް މުއައްސަސާއެއްގެ ބޮލުގައި ނޭޅިނުދާނެ ކަމެކެވެ. މިއީ ފަރުދީ ޒިންމާއަކަށްވިޔަސް ، ޤައުމީފެންވަރުގައި މިކަމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ހިސާބަށް ހިނގައްޖެއެވެ. އަދި އަމްދުން ދައުލަތުގެ އެންމެ މަތީ ވެރިޔާ މިފަދަ ކުށްބަސް ބޭނުންކުރައްވާނަމަ ، އެކަން ރަނގަޅުކުރަން އެބަޖެހެއެވެ. އަދި ޚަބަރުލިޔާ މީހުންނާއި އިންޓަވިއުދޭ މީހުން ރީތިބަހުން ވާހަކަދައްކައި ލިޔެއުޅުމަށް އަދި ބަހަށް އަހުލުވެރިކުރުވަން އެބަޖެހެއެވެ. އެކަން ކުރަން ޖެހެނީ ކުށް ބޭނުންކުރާތީއެވެ.

މުދިމުންނާއި އިމާމުން ތާޒާކުރަ ކޯސްތައް ސަރުކާރުން އެބަ ހިންގަވައެވެ. އެއީ މުދިމުންނާއި އިމާމުންނަށް ކުށްނޫންގޮތް ދަސްކޮށްދީ އެމީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް އެހީތެރިވުމަށްޓަކައެވެ. އެހެންކަމުން ދައުލަތާއި ސަރުކާރުގައި ތިބި ކުށްބަހުން ވާހަކަ ދައްކާ ވެރިންނަށް އެކަމުން ސަލާމަތްވެ ބަހުގެ ރަނގަޅުގޮތް އަންގައިދޭން މަސައްކަތް ނުކުރާނެކަމެއް ނެތެއްނޫންތޯއެވެ ؟ މިއޮއްބޮޑު ސަރުކާރުގައި މިކަމަށްވެސް ޒިންމާވާނެ ކޮންމެވެސް ބަޔަކާއި އެބަޔަކު މަސައްކަތްކުރާ މުއައްސަސާއެއްވެސް ހުންނާނެތާއެވެ.

ދިވެހިބަހުން ވާހަކަދެއްކުމުގައި އަދަބުވެރިކަން ގެންގުޅެންޖެހޭ ހާލަތު ނުވަތަ މުނާސަބު ވަގުތުތަކަކާއި ތަންތަން ހުރެއެވެ. ހޮޅުއަށީގެ ވާހަކަޔަކީ ތަފާތު ބަހުރުވައާއި މަޖަލާއި ދޮގާއަދި ތެދާ ، ޔޯލަވާހަކައާއި ހަދަހަދައިގެން ވާހަކަދެއްކޭ މުނާސަބަތެކެވެ. ހޮޅުއަށީގައި ދެއްކޭ ވާހަކައިގާ މަޖަލާއި ސަމާސާ ހުންނާނެއެވެ. ދޮގާއި ތެދު މަޢުލޫމާތުވެސް ހުންނާނެއެވެ. އެއީ ތެދެއްދޮގެއް ވަކިނުވާ ވަރަށެވެ. ބަހުރުވަވެސް ހުންނާނެއެވެ. ފިނިބަހުސާއި ހޫނު ބަހުސް ކުރެވޭނެއެވެ. ވަރަށް ގިނަފަހަރަށް އަދަބެއް ސަދަބެއް ނުހުންނާނެއެވެ. މާރުކޭޓަކީވެސް މިފަދަ ތަނެކެވެ. މާރުކޭޓުގެ ބަހުރުވަވެސް ވަރަށް ތަފާތުވާނެއެވެ. ޚާއްޞަކޮށް މިހާރަކީ މުޅިމާރުކޭޓުގެ ހުރިހާ ވިޔަފާރިއެއް ، ކުރިން އެއުޅުނު ވޯރާވެރިންނެކޭ އެއްގޮތަށް ، ބަންގާޅުމީހުންގެ އަތްދަށުގައި އޮންނަ ވިޔަފާރިއެކެވެ. އެމީހުން ދިވެހިބަހުން ވާހަކަ ދައްކާނީ ކުށްގޮތަށެވެ. އެއީ މުޅިން ތަފާތު ކަމެކެވެ.

ބަންގާޅުމީހުން ދިވެހިބަހުން ވާހަކަ ދެއްކުމުގައި ކުށްގޮތް ބޭނުން ކުރިޔަސް ، ދިވެހިން ދިވެހިބަހުން ވާހަކަދެއްކުމުގައި ކުށްގޮތް ބޭނުން ކުރުމަކީ އުނިކަމެކެވެ. އެހެންނަމަވެސް ، ، ދިވެހިން ބަންގާޅުމީހުންނާ ވާހަކަ ދައްކާއިރުވެސް ބޭނުންކުރެވެމުންދަނީ ބަންގާޅުމީހުން ވާހަކަދައްކާ ކުށްބަސްތަކެވެ. ކުށްގޮތްތަކަށެވެ. އެއީވެސް ދިވެހިބަހަށްލިބޭ އުނިކަމެކެވެ. މިކަން އެއީ މައްސަލަޔަކަށް ވާ ބައެއް ޤައުމުތަކުގައި ، އެޤައުމަށް ބިދޭސީއަކު ވަޒީފާ އަދާކުރުމަށް އައުމަށް ހުއްދަދެނީ ، އެޤައުމެއްގެ ބަހުން ވާހަކަދައްކަން ދަންނަ ނަމައެވެ. ނުވަތަ ދަސްކޮށްދިނީމައެވެ. އެކަން ކުރުމަކީ ވަޒީފާދޭ ފަރާތުގެ ނުވަތަ އެކަމަށް މެދުވެރިވާ ފަރާތުގެ ކަމެކެވެ.

ބޯޓުދަތުރުކުރާމީހުންނަކީވެސް ތަފާތުބަހުރުވައެއް ގެންގުޅޭ ބަޔެކެވެ. ބަސް ހުތުރުވެފައި ހަރުކަށިވާނެއެވެ. މައިންބަފައިންނާއި ދަރިން ކުރިމަތީ އަނގައިން ބުނެލެވޭ ވަރެއްނުވާނެއެވެ. ބައެއްމީހުން އެކަމަށް ސަމާލުވެ ރަނގަޅަށް ވާހަކަދެއްކިޔަސް ގިނަމީހުންނަކީ ބަސްމަގު ހުތުރުވެފައި ހަރުކަށި ބަސްތައް ބޭނުންކުރާ ބަޔެކެވެ. އެމީހުންގެ ވަޒީފާގެ މާޙައުލުގައި މުޢާމަލާތުކުރެވޭ ގޮތް ތަފާތީއެވެ.

ދިވެހިބަހަކީ މުއްސަނދި އަދި ރީތިބަހެކެވެ. އެބަސް ދިރުވައި އާލާކުރުމަކީ މިއަދުގެ ޖީލުގެ މަސްއޫލިއްޔަތެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.