ހެންވޭރު އުތުރަށް އަލްހާން ވާދަކުރާއިރު ގިނަބަޔެއްގެ ފާޑުކިޔުން އޮހެމުން ދަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރަން ނިންމައި އެކަން އިއުލާނު ކުރުމާއެކު ގިނަބަޔެއްގެ ފާޑުކިޔުން އަލްހާން ފަހުމީއަށް އަމާޒުވާން ފަށައިފިއެވެ.

މީގެކުރިންވެސް އަލްހާން ވަނީ އޭނާ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ. ނަމަވެސް ވާދަކުރާނީ ހެންވޭރު އުތުރަށްކަން ހާމަކުރީ ދާދިފަހުންނެވެ. ހެންވޭރު އުތުރަށް ވާދަކުރަން ނިންމައި އޭނާގެ ފޭސްބުކް ޕޭޖާއި ޓްވިޓާގައި ޖަހަމުންދާ ޕޯސްޓުތަކަށް ގިނަބަޔަކު ދަނީ ފާޑުކިޔުން އޮއްސަމުންނެވެ.

ހެންވޭރު އުތުރަށް ނިސްބަތްވާ މީހަކު އަލްހާންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވަނީ "ހެންވޭރު އުތުރުގެ މީހުން ނުކުމެ މިފަހަރު އަލްހާން ބޮޑު ލަދެއްގައި ބައްދާލާނެ" ކަމަށެވެ. ހެންވޭރު އުތުރަށް ނިސްބަތްވާ ބަޔެއް އެހެން މީހުންވެސް ބުނެފައި ވަނީ "ވޯޓުލާނެ މީހަކު ނެތަސް އަލްހާނަށް ވޯޓު ނުލާނަން" ކަމަށެވެ.

އަލްހާނަށް ފާޑުކިޔައި ބަޔެއް މީހުން ބުނެފައި ވަނީ މަޖިލީހަށް އަލްހާން ހޮވަން ވޯޓުލާނެ މީހަކު އެއްވެސް ދާއިރާއަކު ނުތިބޭނެ ކަމަށާއި "ހުރިހާ ކުލައެއް ލައިގެންތިބޭ މީހުން ބޭނުމެއްނޫން" ކަމަށެވެ.

އަލްހާންގެ ޕޯސްޓްތަކަށް ޕޮސިޓިވް ކޮމެންޓް ކޮށްފައި ވަނީ ވަރަށް މަދު މީހެއްކަން ފާހަގަ ކޮށްލެވެއެވެ. އަލްހާނަށް ސިޔާސީ ފާޑުކިޔުން މިހާބޮޑަށް އަމާޒު ވެގެން މިއުޅެނީ އޭނާ ސިޔާސީ ގޮތުން އަވަސް އަވަހަށް ޕާޓީ ބަދަލު ކުރަމުންދާތީއެވެ.

އަލްހާން އެންމެ ފުރަތަމަ މަޖިލީހަށް ހޮވުނީ ޑީއާރުޕީންނެވެ. އޭގެފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެ އެޕާޓީގެ ނައިބު ރައީސްކަންވެސް ކޮށްފައެވެ. ނަމަވެސް އެމްޑީޕީން ވަކިވެ ޖޭޕީއަށް ވަޑައިގަތުމަށް ފަހު ފަހުން ޖޭޕީންވެސް ވަކިވެ ހުންނެވީ ޕާޓީއަކާ ނުގުޅިއެވެ. އެއަށް ފަހު ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލާން ތައްޔާރު ވެފައި ވަނިކޮށް ޕީޕީއެމަށް ސޮއިކޮށް، އެޕާޓީގެ ބޮޑެތި ޖަލްސާތަކުގައިވެސް ވާހަކަ ދެއްކެވިއެވެ. އިންތިޚާބުގެ ވޯޓުން ރައީސް ޔާމީން ބަލިވުމާއެކު ދެން ފެނުނީ އަލްހާން ޕީޕީއެމުން ވަކިވެ އަނެއްކާވެސް ޖޭޕީއަށް ސޮއި ކުރެއްވި މަންޒަރެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.