ދިރާސީ އަހަރު ފެށޭ އިރު ހެނދުނުގެ ނާސްތާ 25 ސްކޫލެއްގައި ޕައިލެޓް ކުރެވޭނެ: މިނިސްޓަރ

ދިރާސީ އާ އަހަރު ފެށޭ އިރު ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރާއްޖޭގެ 25 ސްކޫލެއްގައި ފަށްޓަވާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އާ ގުޅޭ ގޮތުން މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުންނެވެ. ހެނދުނުގެ ނާސްތާ ޕްރޮގްރާމް ސްކޫލްތަކުގައި ޕައިލެޓް ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ފުރަތަމަ 100 ދުވަހުގެ ވަޢުދތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނާސްތާ ޕްރޮގްރާމް އިޢުލާން ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިއީ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމަކަށް ވުމާއެކު ޕްރޮގްރާމް ފެށިގެންދާއިރު ރައްކާތެރިކަން ކަށަވަރު ކުރެެއްވުމުގެ ގޮތުން ޚާއްޞަ ފިވަޔަވަޅުތަކެއް އެޅުއްވުމަށްޓަކައި އުޞޫލުތަކެއް އެކުލަވައިލައި އެ އުޞޫލުތަކާ އެއްގޮތަކަށް ޢަމަލު ކުުރުމަށް ސްކޫލަތަކަށް އިރުޝާދު ދެއްވާނެ ކަމަށެވެ، އޭގެއިތުރުން ދަރިވަރުންނަށް ލިބޭ ކާބޯތަކެތީގެ ތާޒާކަން ސްކޫލްގެ ފަރާތުން ބެލުމާއި، ކާބޯތަކެތި ތައްޔާރު ކުރެވޭ ތަނާއި އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސާފުތާހިރުކަން ޚިދްމަތްދޭ ފަރާތުންވެސް ކަށަވަރު ކުރަންޖެހޭ ގޮތަށް އުސޫލުގައި ހިމަނުއްވާފައިވާ ކަމަށެވެ. މި އުސޫލްތައް އެކުލަވާލާފައިވަނި ޔުނިސެފާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ޚިޔާލާ އެކު ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

25 ސްކޫލެއްގައި 1420 ދަރިވަރުންނަށް ޕްރޮގްރާމް ފަށާއިރު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކުރާނީ ބެލެނިވެރިންގެ ރުހުމާ އެކުގައި ކަމަށް މިނސިްޓްރީ އިން ފާހަގަކުރެއްވިއެވެ. އެ ފޯމަކީ ބެލެނިވެރިންގެ ރުހުން ހޯދުމާ އެކު ދަރިވަރުގެ އެލާޖީ އެއް ހުރިނަމަ އެކަމާއި އަދި ނުކެވޭ ކަބޯތަކެއްޗާއި އެކަމާ ގުޅޭ ފޮތުން ބޭނުވާ ހުރިޙާ މައުލޫމާތެއް އެއްކުރުމަށް ތައްޔާރުކޮށްފައިވާ ފޯމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ޕްރޮގްރާމްގައި އެއްވެސް ކުއްޖަކު ގަދަކަމުން ބައިވެރި ނުކުރާނެ ކަމަށްވެސް މިނިސްޓްރީ އިން ފަހގަކުރެއްވިއެވެ. އަދި ވަކި ކާބޯތަކެތި ނުކެވޭ ކުދީންނަށް ޚާއްޞަ މެނޫ ތަކެއް ތައްޔާރު ކުރެވިގެން އެތަކެތި ސްކޫލާ ހަަމައަށް ދާނީ ދަރިވަރުންގެ ނަމާއި އިންޑެކްސް ޖަހައިގެން ކަމަށް ވެސް މިިނިސްޓްރީގެ ޕާމަނަންތް ސެކްރެޓަރީ މުޙައްމަދް ސަޢީދު ވިދާާޅުވިއެވެ.

ސަޢީދު ވިދާޅުވީ ނާސްޓާގެ ސަބަަބުން ދަރިވަރުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. ހެދި ބޮޑުވަމުން އަންނަ ކުދީންނާއި ކީ ސްޓެޖް 1، 2، އަދި 3ގެ ކުދީން ހމެނޭތީ ނާސްތާގެ ސަބަބުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވާނެ މައުލޫމާތު ވެސް ދަރިވަރުންނަށް ލިބޭނެކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ޕްރޮގްރާމް ކުރިއަށް ދާއިރު ފަންނީ ބޭފުޅުން މިނިސްޓްރީ އަށް މައުލޫމާތު ދެއްވުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެެވެ.

ސައީދު ވިދާޅުވި ގޮތުގައި ނާސްތާގެ ޚިދްމަތް ފޯރުކޯށްދޭނެ ބަޔަކު ހޯދަން މިއަދުގެ ވަގުތެއްގައި ބީލަމަށް ހުޅުވައިލައްވާނެއެވެ. އަދި ޚިދްމަތް ދިނުމަށް ހޮވާނީ އެރަށެއްގައި ކޭޭޓަރިންގެ ޚިދްމަތްދޭ ފަރާތްތައް ކަމަށް ވެސް ސަޢީދް ވިދާޅވިއެވެ. އެގޮތުން އެއްބަޔަކަށް ދިނުމުގެ ބަދަލުގައި ކޮންމެ ސްކޫލެއް ވަކި ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބޭނުންކުރާ 10 މެނޫ ކާޑަކީ ޔުނިސެފުން ތައްޔާރުކޮށްފަިއވަ މެނޫ ކާޑެވެ. މެނޫތައް ތައްޔާރުކުުރުމުގައި ޔުނިސެފުން މިދިޔަ ދެ އަހަރުތެރޭ އެކުލަވާލާފައިވާ ފުޑް ގައިޑްގައި ހިމެނޭ މައުލޫމާތަށް ރިއާޔަތްކޮށްފައިވާ ކަމަށް އެފަރާތުން ވިދާޅުވިއެވެ. އަދި މި 10 މެނޫ އަކީ އެފަދަ ގިނަ މައުލޫމާތާއި މެނޫތަކެއްގެ ތެރެއިން ހޮވަލެވުނު 10 މެނޫކަން ވެސް އެފަރާތުން ފާހަގަކުރެއްވިއެވެ. މެނޫތައް ތައްޔާރު ކުރުމުގައި ބަލާފައިވާނީ ހަށިގަނޑަށް ފައިދާ ހުރި، ހެދިބޮޑުވުމަށް އެހީވެދޭ، ޕްރޮޓީން ފަދަ ކާނާގެ ބާވަތްތަކާއި، ވިސްނުމަށް މަގު ފަހިވާ ކާނާގެ ބާވަްތްތައް ހިމެނުމަށް ކަމަށް ވެސް އެފަރާތުން ހާމަކުރެއްވިއެވެ. އަދި ފަސޭހައިން ލިބެން ހުންނަ، ފަސޭހައިން ތައްޔާރުކުރެވޭ، އަތް ހަޑިނުވާ، ފަސޭހައިން ސާފުކުރެވޭ ބަވާތަތައް ހިމެނުމަށް ކަމަށް ވެސް އެފަރާތުން ވިދާާޅުވިއެެވެ.

10 މެނޫ ކާޑުގެ ތެރެއިން ކޮންމެ ސްކޫލަކަށް ކޮންމެ ދުވަހަކު 3 މެނޫ ކާޑު ހޮވައި ދަރިވަރުންނަށް އެ ތިން މެނޫ އިން ބޭނުން މެނޫ އެއް ކޮންމެ ދުވަހަކުވެސް ޚިޔާރު ކުރެވޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. އެދުވަހަކު އެކުއްޖަކު ބޭނުން އެއްޗެއް އެ ތިން މެނޫ އިން ޚިޔާރު ކުރެވޭނެއެވެ. އަދި ނާސްތާ އޮންނާނީ ހެނދުނު ކިޔެވުން ފެށުމުގެ ކުރިން ކަމަށާއި ނާސްތާގެ ބޭނުމަކީ ސިކުނޑި ތަރައްގީ ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރު ޕްރޮގްރާމަށް ކަނޑައެޅިފައިވަ ބަޖެޓަކީ 50 މިލިއަން ރުފިޔާ އެވެ. ޕްރޮގްރާމް ކުރިއަށް ދާނީ މި ބަޖެޓުގެ ތެރެއިން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ޕައިލެޓް ކުރަމުން ދައިރު ތިލަވާ ކަންކަމާއި، ފާހަގަކުރެވޭ މައްސަލަތައް ޙައްލުކޮށް، 5 އަހަރުތތެރޭގައި 212 ސްކޫލަށް ޕްރޮހްރާމް ފުޅާ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާާޅުވިއެވެ. އަދި މިހާރު ކޭޓަރިންގެ ޚިދްމަތް ދޭ ފަރާތްތަކާއި ޙަވާލުކޮށްގެން ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަަމަވެސް ކުރިއަށް އޮތް ތަނުގައި ސްކޫލްތަކުގައި ޑައިނިން ހޯލާއި ބަދިގެ ހަދައި ޚިދްމަތް ދިނުމަށް ވިސްނުން ހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނާސްތާ ޕްރޮގްރާމް ޕައިލެޓް ކުރަނީ މާލޭގެ 5 ސްކޫލާއި އަތޮޅުތެރޭގެ 20 ސްކޫލެއްގައެވެ. ކަބޯތަކެއްޗާއި ތަނާއި، ތަނުގައި މަސައްކަތް ކުރާ މުައައްޒަފުންގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ސްކޫލަތަކުގައި ވިލަރެސް ކޮމެޓީތައް އެކުލަވާލެވޭނެއެވެ އަދި ކުދީންނާ ހަމައަށް ކާބޯތަކެތި ދިއުމުގެ ކުރީން މި ކޮމެޓީތަކުން ކާބޯތަކެތީގެ ތާޒަކަން ކަށަވަރު ކުރާނެ ކަމަށް ވެސް މިނިސްޓްރީ އިން ވިދާޅުވިއެވެ. އަދި ތަނާއި ތަނުގެ މުއައްޒަފުންގެ ސާފުތާހިރުކަން ވެސް މި ކޮމެޓީ ތަކުން ކަށަވަރު ކުރާނެއެވެ. 

ޕްރޮގްރާމް ކުރިއަށް ދާއިރު މީޑިއާއިން ކަމާއި ގުޅުން ހުރި ފަރާތަތަކުގެ ޚިޔާލާއި ޕްރޮގްރާމެގެ ފީޑްބެކް މިނސިްޓްރީ އާއި ހިއްސާކޮށްދިނުމަށް ވެސް މިނިސްޓްރީ އިން އެދިވަޑައިގަތެވެ. އަދި މިނިސްޓްރީ އަށް ގުޅުމުން ޕްރޮގްރާމާ ބެހޭ މައުލޫމާތު ދެއްވާނެ ކަމަށައި ޕްރޮގްރާމާއި ބެހޭ ތެދު މައުލޫމާތު އާއްމުންނާއި ބެލެނިވެރީންނަށް ފޯރުކޮށްދިނުމަށް ވެސް މިނިސްޓްރީ އިން އެދިވަޑައިގަތެވެ.    

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.