1.4 ބިލިއަން ޑޮލަރުގެ އެހީގެ ތަފްސީލު ފައިނޭންސް މިނިސްޓްރީ އިން ހާމަކޮށްފި

ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެހީގެ ގޮތުގައި ރާއްޖެއަށް ދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވި 1.4 ބިލިއަން ޑޮަލަރުގެ ތަފްޞީލު ފައިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ. ތިރީގައި މިވަނީ އެހީ އާ ގުޅޭގޮތުން މިނިސްޓްރީ އިން ޓުވީޓު ކުރެއްވި ބަޔާނުގައިވާ ހިމަނާފައިވާ ތަފްސީލެވެ.

"2019ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 200 މިލިއަން ޑޮލަރު:

މީގެ ތެރެއިން 50 މިލިއަން އެމެރިކާ ޑޮލަރު ލިބޭނީ ހިލޭ އެހީގެ ގޮތުގައެވެ. އަދި 150 މިލިއަން ޑޮލަރު ލިބޭނީ ޓްރެޜަޒީ ބޮންޑުގައި އިންޑިއާ އިން އިންވެސްޓްކޮށްގެންނެވެ. މި ޓްރެޜަރީ ބޮންޑުތައް ރާއްޖެއިން ވިއްކާނީ 2019ވަނަ އަހަރުގެ ތެރޭގައި ކޭޝް ފްލޯއަށް ބަލައި، އަހަރުގެ އެކި މަސްތަކަށް ބަހާލައިގެންނެވެ. މި ފައިސާ ޚަރަދު ކުރެވޭނީ 2019ވަނަ އަހަރުގެ ބަޖެޓުގައި ބަޖެޓުކޮށްފައިވާ ދައުލަތުގެ ޚަރަދުތަކާއި މަޝްރޫޢުތައް ފައިނޭންސް ކުރުމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ރިޒަރވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ގާއުމު ކުރެވޭ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގެ ދަށުން 400 މިލިއަން އެމެރިކާ ޑޮލަރު:

މިއީ ސާކުގެ ތެރެއިން އެކުލަވާލެވިފައިވާ 200 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ އިތުރަށް، ބައިލެޓްރަލްކޮށް ދެ ޤައުމުގެ މަރުކަޒީ ބޭންކްތަކުގެ މެދުގައި ޤާއިމުކުރެވޭ ފެސިލިޓީއެކެވެ. މި ފެސިލިޓީ ބޭނުންކުރާނީ ދައުލަތުގެ ރަސްމީ ރިޒާރވަށް، މި ފެސިލިޓީގެ ބޭނުން ޖެހިއްޖެ ހާލަތެއްގައި، ރިޒާރވް މެނޭޖް ކުރުމަށެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ:

މި ކްރެޑިޓް ފެސިލިޓީއިން ދިވެހިރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ދައުލަތުގެ ކުންފުނިތަކުން ކުރިއަށް ގެންދަ މަޝްރޫޢުތައް ފައިނޭންސް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ފެސިލިޓީން ފަައިނޭންސްކުރާ މަޝްރޫޢުތައްވެސް ވާނީ ދައުލަތުގެ ބަޖެޓުގައި ހިމަނައި ޕްލޭންކޮށްފައިވަ މަޝްރޫޢުތަކަށެވެ. އަދި މި ފެސިލިޓީ އިން ފައިސާ ދޫކުރެވޭނީ ދިވެހިރާއްޖެއިން ފައިނޭންސް ކުރުމަށް ބޭނުންވާ ވަކިވަކި މަޝްރޫޢުތަކަށް ޕްރޮޕޯސަލް ހުށަހަޅައި ބޭންކުން ފައިނޭންސް ކުރުމަށް ކަނޑައެޅޭ މަޝްރޫޢުތަކަށެވެ. މި ފެސިލިޓީއިން ނަގާ ލޯނު އިންޓްރެސްޓް ރޭޓަކީ 1.5 އިންސައްތައެވެ."

ފައިނޭންސް މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މި އެހީގެ ސަބަބުން 2019ވަނަ އަހަރުގެ ބަޖެޓު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރެއް ނުވާނެއެވެ. އެއީ ދަރަނިން ނަގާ ފައިސާ ބޭނުންކުރަމުން ދާނީ ބަޖެޓުކޮށްފައިވަ ޚަރަދުތަކަށް ކަމަށް ވުމާއެކު ދަރަނިން ނަގަމުންދާނީ އެ ޚަަރަދުތައް ހިނގާ މިންވަރުން ކަމުގައިވާތީ ކަަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އެއާއެކު ބަޖެޓުގެ ޚަރަދުތަކަށް ފައިސާ ބޭނުންވާ ދަނޑިވަޅު ފަސޭހަ ކަމާއެކު ފައިސާ ހޯދުމުގެ މަގު މި ފެސިލިޓީގެ ސަބަބުން ފަހިވާނެ ކަމަށްވެސް ހާމަކޮށްފައެވެ. އަދި ބަޖެޓު ތަންފީޒުކޮށް ހިންގައި، ދައުލަތަށް ޚިދްމަތާއި ތަކެތި ފޯރުކޮށްދޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ފަިއސާ ދެއްކުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އޭގެ އިތުރަށޤ 2018ވަނަ އަހަރުގެ ބަޖެޓް ސަޕޯޓުގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ މި މަހުގެ ތެރޭގައި ލިބިފައިވާ ކަަމށް ވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި އިންޑިއާ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށޤ 2011ވަނަ އަހަރު ދޭން އެއްބަސްވެފައިވާ 100 މިލިއަން އެމެރިކާ ޑޮަލަރުގެ ތެރެއިން ދޫނުކޮށޤ ހުރި 25 މިލިއަން އެމެރިކާ ޑޮަލަރުވެސް ބޭނުންވެއްޖެ ޙާލަތެއްގައި ހޯދުމުގެ ފުރުސަތު ހަމަޖެހިފައިވަކަމަށް ވެސް ފައިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

https://twitter.com/FinanceGovMv/status/1075359646511026176?s=20

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.