ދޯނީގެ ވަތަށްފޭބި މީހާއަށް އިތުރުފަރުވާ ދިނުމަށް މާލެ ފޮނުވަންޖެހޭ: ހޮސްޕިޓަލް

މަހަށް ނުކުމެ އުޅުނު ބ. ތުޅާދޫ އާކު ދޯނީގެ ވަތަށް ފައިބައިގެން ޙާލު ދެރަވި ދެމީހުންގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވަންޖެހޭ ކަމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު މުޙައްމަދު ޙަސަން ވިދާޅުވީ އެމީހާއަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި ކަމަށެވެ. "ޑޮކްޓަރުން އަޅުގަނޑަށް މަޢުލޫމާތު ދެއްވާފައިވަނީ އޭނާގެ ޙާލު ސްޓޭބަލް ކަމަށް. އެހެންނަމަވެސް އިތުރު ޓެސްޓްތަކެއް ހަދައި އިތުރަށް ބަލަން ޖެހޭތީ މާލެ ފޮނުވަންޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވި،" މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

މިޙާދިސާ ހިނގާފައިވަނީ އާކު ދޯނި ހއ. ތުރުކުނު ހުޅަނގުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައެވެ. އޭނާ ދޯނީގެ ވަތަށް ފޭބީ ސާފުކުރަން ވެގެންނެވެ. ސާފުކުރަން ފައިބައިގެން އުޅެނިކޮށް ނޭވާލާން އުނދަގޫވާން ފެށުމުން އޭނާ ސަލާމަތް ކުރަން ދެވަނަ މީހާ ވަތަށް ފޭބީ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައީސީޔޫގައި މިހާރު ފަރުވާ ދެމުން ގެންދަނީ ފުރަތަމަ ވަތަށް ފޭބި މީހާއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހއ. ދިއްދޫ ޞިއްޙީ މަރުކަޒުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ދެވަނަ މީހާގެ ޙާލު ރަނގަޅު ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.