ޕީޕީއެމުން އައުޕާޓީއެއް އުފެއްދަން މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޑުއްވަރީދާއިރާއަށް އެމަނިކުފާނު ކުރިމަތި ލައްވާނީ ޕީޕީއެމުން އަލަށް އުފައްދަވާ ޕާޓީއެއްގެ ނަމުގައި ކަމަށެވެ.
އެޕާޓީން އަލަށް އުފައްދާ ޕާޓިއަށްކިޔަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އިތުރު ޕާޓީއެއް އުފެއްދުމަށް ޕީޕީއެމުން މަސައްކަތް ފެށީ އެޕާޓީގެ ކުރިމަގާމެދު ވާނެގޮތެއް ކަށަވަރުނުވާތީއެވެ. އެޕާޓީގެ މައްސަލަ ވަނީ ސްޕްރީމް ކޯޓުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނަށް އަލުން ޕީޕީއެމް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ލީޑަރޝިޕުން ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ޕާޓީ ލިބިވަޑައިގެންނެވިޔަސް ލިބިވަޑައިގަންނަވާނީ ހަމައެކަނި ނަން ކަމަށެވެ. މަޖިލީސް މެމްބަރުންނާއި އާންމު މެމްބަރުން ވަޑައިގަންނަވާނީ ރައީސް ޔާމީނާ އެކުގައި ކަމަށް ވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
ޕީޕީއެމުން އަލަށް އުފައްދާ ޕާޓީގެ އިސް ބޭފުޅަކަށް ހުންނަވާނީ ވެސް ރައީސް ޔާމީން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އައުޕާޓީއެއް އުފައްދަން ޕީޕީއެމުން މަސައްކަތް ކުރައްވާއިރު ކުރިއަށްއޮތް މަޖިލިސް އިންތިޚާބަށް އެޕާޓީން ވަނީ އެތައް ބަޔަކަށް ޓިކެޓް ވެސް ދީފައެވެ.
ޕީޕީއެމުން އައުޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް އެޕާޓީން ކަށަވަރުކޮށްދީފައެއް ނުވެއެވެ.