ރަނިލް ވިކްރަމަސިންހަ އަލުން ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރައްވައިފި

ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އަލުން ޢައްޔަން ކުރައްވައިފިއެވެ. މިީ އޮކްޓޯބަރު މަހު އޭނާ މަގާމުން ދުރުކުރުމުން ލަންކާގައި އުފެދުނު ސިޔާސީ ހަލަބޮލިކަން ނިކުމަކަށް އައީ ކަމަށް ސިޔާސީ މުފައްކިރުން ދެކެލައްވައެވެ.

ރަނިލް މަގާމަށް އަލުން ޢައްޔަން ކުރެއްވުމަކީ ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ބޮޑު ލަދެއްގައި ބެދުން ކަމަށް ވެސް މީޑިއާ އިން ސިފަ ކުރެއެވެ. ރަނިލް މަގާމުން ވަކި ކުރައްވައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސެ ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރެއްވީ ސިޔާސަތު އެކުލވައިލުމުގައި ޚިލާފު އުފެދި އެފަދަ އެހެން މައްސަލަތަކާއި ގުޅިގެންނެވެ. އެހެންނަމަވެސް ރާޖަޕަކްސަ އަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުމާއި ސަރުކާރު ހުއްޓުމަކަށް އައުމުން އޭނާ ވަނީ ހޮނިހިރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރެއްވުމުން ޤާނޫނު ހަދާ މަޖިލީހުން ވަނީ ބޮޑުވަޒީރު އޮފީހުގެ ބަޖެޓް ހިފަހައްޓާން ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރެވުނީ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ދެފަހަރެއްގެ މަތީން ފާސްކުރުމުން ވެސް ރައީސް ސިރިސޭނާ އެކަން ބަލައިނުގެންނެވުމުންނެވެ. އަދި އޭނާ ވަނީ މަޖިލިސް ވެސް އުވައިލައްވާފައެވެ. ނަމަވެސް ހުކުރު ދުވަހު ސުޕްރީމް ކޯޓުންވަނީ މަޖިލިސް އުވައިނުލެއްވޭނެ ކަމަށް ނިންމަވާފައެވެ.

ރަނިލް ހުވައި ކުރެއްވުމުގެ ކުރީން ޕާލަމެންޓުންވަނީ އޭނާގެ އިތުބަރު އޮތް ކަމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ދިމާވެދާނެ ޤާނޫނީ މައްސަލަތަކަކުން ސަލާމަތް ވުމުގެ ގޮތުންނެވެ.

ރާޖަޕަކްސަ ބޮޑވަޒީރު ކަމުގެ ހުވައި ކުރެއްވި ނަމަވެސް ބޭރުގެ ގިނަ ގައުމުތަކުން އޭނާގެ ސަރުކާރު ބަލައެއް ނުގަތެވެ.

ޑިމޮކްރެސީ ނަގަހައްޓައި ކަރަޕްޝާން ނައްތައިލައްވާނެ ކަމުގެ ވަޢުދާއެކު ސިރިސޭނާ ވެރިކަމާ ޙަވާލުވީ 2015ވަނަ އަހަރުއެވެ. ސިޔާސީ މަޞްރަހް ދިރާސާ ކުރަައްވާ ފަރާތްތަކުން ދެކެލައްވާ ގޮތުގައި ސިރިސޭނާގެ މަޤްބޫލުކަން ދަށަށް ދިޔައީ އެކި ކަންކަމާ މެދު ރަނިލް އާ ޚިޔާޅު ތަފާތު ވާން ފެށުމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.