ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް އިންޑިޔާއަށް މާދަމާ ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ މެދުގައި ވެވިގެންދާ މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ ކަމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިޔާ އާއި ރާއްޖޭގެ އެންމެ އިސްވެރިން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ސޮއި ކުރައްވާ އެންމެ މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއިން އިންޑިޔާއަށް ބޭސްފަރުވާ އާއި ތައުލީމާއި އެނޫންވެސް ބޭނުން ތަކުގައި ގޮސް އުޅޭ ދިވެހިންނަށް ކުރިމަތިވެފައިވާ ވިސާގެ ހުރި އުދަނގޫތައް ވީހާވެސް ބޮޑަށް ލުޔެއް ލިބޭނެ އެއްބަސްވުމެއްގައި ސޮއި ކުރެއްވުން ހިމެނޭ ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މިދަތުރުފުޅުގައި ރާއްޖޭގެ މާލިއްޔަތަށް މިވަގުތު ކުރިމަތިވެފައިވާ ތާށިކަން ފިލުވައިދިނުމުގެ ގޮތުން އިންޑިޔާއިން ރާއްޖެއަށް ދޭ ފައިސާގެ އެހީގެ އެއްބަސްވުމުގައިވެސް ސޮއި ކުރައްވާނެއެވެ. އެގޮތުން ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހިލޭ އެހީއެއްގެ ގޮތުގައި 200 މިލިޔަން ޑޮލަރު އިންޑިޔާ ސަރުކާރުން ލިބޭތޯ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިޔާ އާއި ރާއްޖޭގެ އެންމެ އިސްވެރިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާއިރު ދެގައުމުގެ ޚާރިޖީ ވަޒީރުން ދާދިފަހުން ވަނީ ދިއްލީގައި މުހިންމު މަޝްވަރާތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އަދި ދެގައުމުގެ ގުޅުން ރަނގަޅު ކުރުމަށްޓަކައި ތަފާތު މަޝްވަރާތައްވެސް ގެންގޮސްފައިވެއެވެ.
އިންޑިޔާގެ އިތުރުން ޔޫއޭއީ އާއި ސައުދީއަރަބިއްޔާއިންވެސް އޮތީ މާލީ އެހީތެރިކަން ރާއްޖެއަށް ދިނުމަށް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.