ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 2 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފިއެވެ.
ފުލުހުން ޔާމީނަށް ޗިޓު ފޮނުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައާކާއި ގުޅިގެން ފުލުހުން ބަލަމުން އެކަމާމެދު ސުވާލު ކުރުމަށެވެ. އެދުވަސްވަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިޔަން ރުފިޔާ ޖަމާވި މައްސަލައެއް ފެންމަތިވެފައިވާއިރު އެ ފައިސާ އެކައުންޓަށް ޖަމާކުރި ކުއްޖާއަށްވެސް ފުލުހުން ވަނީ ޗިޓު ފޮނުވާފައެވެ.
އެފައިސާގެ މައްސަލަ އެމްއެމްއޭގެ ސަމާލު ކަމަށް އައިސް އެމްއެމްއޭއިން ވަނީ ފުލުހުންނާވެސް އެކަން ޙިއްސާ ކޮށްފައެވެ. އެފައިސާއާބެހޭ ގޮތުން ޔާމީންގެ ފަރާތުން އޭރު ހުންނެވި ތަރުޖަމާނު ވިދާޅުވެފައި ވަނީ އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޚަރަދު ކުރުމަށް ލިބުނު ފައިސާގެ އެހީއެއް ކަމަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙަންމަދު ޙުސައިން ޝަރީފު ކަށަވަރުކޮށް ދެއްވި ގޮތުގައި ފުލުހުންގެ ޗިޓާ ޔާމީން މިހާރު ވަނީ ހަވާލުވެވަޑައިގެންފައެވެ. މިއީ ކުރީގެ ރައީސް ޔާމީނަށް ވެރިކަން ގެއްލުނު ފަހުން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވި ފުރަތަމަ ފަހަރެވެ.
މާލޭގައި 25 ބުރީގެ ގެއެއް އަޅަނީ. ކުރިން 1 މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި. ކެމްޕޭނާ ދިމާކޮށް 22.5 މިލިއަން ރުފިޔާ އެކައުންޓަށް ޖަމާކުރި. އެކަމަކު ކުރާ ވިޔަފާރިއެއް ނެތް. މުސާރަފުޅުވެސް ނެންގެވީ އެއްބައި. މިއީ އަޅެ ކިހާ ބޮޑު އަޖައިބެއް؟ މިއީ އަދި އާންމުކޮށް އިގެން ހުރި ކަންކަން. އަދި ނޭގި ކިހާ ބައިވަރެއް އޮންނާނެ؟